ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އިޖުތިމާޢީ ގުޅުން އެހާ ރަނގަޅު ކުޅުންތެރިއެއް ނޫން ކަމަށް ރޮނާލްޑޯއާއި އެކު ކުރިން ޕޯޗުގަލްގެ ސްޕޯޓިން ސީޕީއަށް ކުޅެފައިވާ ރޫމޭނިއާ ފޯވާޑް މާރިއަސް ނިކުލައި ބުނެފިއެވެ.
2002/3 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ރޮނާލްޑޯ އާއި އެކު ޕޯޗުގަލްގެ ސްޕޯޓިން އަށް ކުޅުނު ރޫމޭނިއާ ފޯވާޑް ނިކުލައި ބުނީ ރޮނާލްޑޯ އަކީ އިޖުތިމާޢީ ގުޅުން އެހާ ރަނގަޅު ކުޅުންތެރިއެއް ނޫން ކަމަށާއި އެކަން ވަރަށް ރަނގަޅަށް އޭނާއަށް އެނގޭކަމަށެވެ.
ނިކުލައި ބުނީ އޭނާއާއި އެކު ސްޕޯޓިންއަށް ކުޅުނު އިރުވެސް ރޮނާލްޑޯ އަކީ ވަރަށް ބޮޑާ ހާކާ މީހެއް ކަމަށާއި އެގޮތުން ގިނަ ވަގުތު ހޭދަކުރާނީ އަމިއްލައަށް އެކަނި ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ބޭނުންވާނީ ރޮނާލްޑޯ އެދޭގޮތަށް ކަންކަން ވުމަށް ކަމަށާއި އޭނާ އެދޭގޮތައް ކަންކަން ނުވެއްޖެ ނަމަ ރުޅި އައިސް ޓީމުގެ އެހެން ކުޅުންތެރިންނާއި ވަކިވެގަންނަކަމަށެވެ.
ނިކުލައި ބުނީ ރޮނާލްޑޯ އެހެން ކުޅުންތެރިންނާއި އެކު އެއް މޭޒެއްގެ ދަށަށް ކާންވެސް ނާންނާނޭ ކަމަށާއި ކާން އިންނާނީ ވެސް މުޅިން އެކަހެރިކޮށް ކަމަށެވެ. އަދި ޖިމްއަށް ދާއިރުގަޔާއި ފަރިތަކުރުންތަކަށް ދާއިރުވެސް ރޮނާލްޑޯ އުޅޭނީ މުޅިން ވަކިވެގަނެގެން ކަމަށް ވެސް އޭނާ ބުންޏެވެ.
" ރޮނާލްޑޯ އަކީ އިޖުތިމާޢީ ގުޅުން އެހާ ރަނގަޅު ކުޅުންތެރިއެއް ނޫން. އަހަރެންވެސް ރޮނާލްޑޯ އާއި އެކު ސްޕޯޓިންގައި އެއް ސީޒަން ކުޅުނިން. ރޮނާލްޑޯ އަކީ ވަރަށް ބޮޑާ ހާކާ ކުޅުންތެރިއެއް، ގިނަ ވަގުތު ކާން ދިޔަސް ޓްރެއިނިންގް ތަކަށް ދިޔަސް އަދި ޖިމްއަށް ދާއިރުވެސް އޭނާ އުޅޭނީ ވަކިން. އަހަރެމެން ކިތެންމެ ވަރަކަށް އާދޭސް ކުރިޔަށް ނާންނާނެ." ނިކޮލައި ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ އެންމެ ފަހުން ގަތަރުގައި އޮތް ވޯލްޑް ކަޕްގައިވެސް ޕޯޗުގަލް ކޭމްޕް ތެރޭގައި ވެސް ރޮނާލްޑޯއަށް ދިމާވީ ހަމަ އެ މައްސަލަކަމަށެވެ. އެގޮތުން ޓީމުގެ އެހެން ކުޅުންތެރިންނާއި ނުގުޅި އެކަހެރިވެގެން ކަންކަން ކޮށްފައިވާ ކަމަށް ނިކޮލައި ބުންޏެވެ. އޭނާ ބުނީ ކަންކަން ގޯސްވީ ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ކޮރެއާއާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލުކުރި ހިސާބުން ކަމަށެވެ. އެގޮތުން އެ ބަދަލައްފަހު ކޯޗު ފެނާންޑޯ ސަންޓޯސް އާއި ދެމެދު އޮތް ގުޅުން ގޯސްވެ އެންމެ ފަހުން ޓީމުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އުނިކޮށް ގޮންކާލޯ ރާމޯސްއަށް އެ ފުރުސަތު ދިނީވެސް އެހެންވެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ޕޯޗުގަލް ޓީމާއި އެކު ކޭމްޕް ތެރޭގައި އުޅުނުއިރު، ބްރޫނޯ ފެނާންޑޭސް އާއި މާ ރަނގަޅު ގުޅުމެއް ނެތް ކަމަށާއި އެދެ މީހުން ވާހަކަވެސް ނުދައްކާ ކަމަށް ނިކުލައި ބުންޏެވެ. އަދި ހަމަ އެކަނި ރޮނާލްޑޯ އާއި އެކު ވާހަކަދައްކާ ގާތުގައި އުޅޭނީ ޕެޕޭ ކަމަށް ވެސް އޭނާ ބުންޏެވެ.
" އެންމެ ފަހުން ކުޅެވުނު ވޯލްޑް ކަޕް ގައި ޕޯޗުގަލް ކޭޕްމް ތެރޭގައި ވެސް ރޮނާލްޑޯއަށް ދިމާވީ ހަމަ އެއްމައްސަލައެއް. އެ ކޭމްޕް ތެރޭގައިވެސް ރޮނާލްޑޯ އެހެން ކުޅުންތެރިންނާއި ނުގުޅޭ، އުޅުނީ މުޅިން ވަކިން. އެންމެ ފަހުން ކޯޗާއި ވެސް މައްސަލަ ޖެހުނީ، އެހެންވެސް ރޮނާލްޑޯއަށް ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުނީ." ނިކުލައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް