ވޯލްޑްކަޕް ނިމުމާއެކު އެ ކަޕާއި ގުޅުވައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ތުރުކީގެ މަޝްހޫރު ޝެފް ސޯލްޓް ބޭގެ ވާހަކައެވެ. އާޖެންޓީނާއަށް ޗެމްޕިއަންކަން ލިބުމުން އުފާ ފާޅުކުރަމުންދަނިކޮށް އުސޫލުތަކުން ބޭރުން ދަނޑަށް އަރާ، ވޯލްޑްކަޕް ތަށި ހިފައިގެން ސޯލްޓް ބޭ އުޅުނު އުޅުން ވަނީ ހޫނު މައްސަލައަކަށް ވެފައެވެ.
އަނެއްކާވެސް މިވަނީ ސޯލްޓް ބޭގެ ވީޑިއޯއަކަށް ނުރުހުން އަމާޒުވެފައެވެ.
މި ވީޑިއޯއިން ފެންނަނީ ފްރާންސްގެ ކުޅުންތެރިޔާ އެމްބާޕޭގެ މޫނަށް ސޯލްޓް ބޭ "ދޮނެއް" ދޭ މަންޒަރެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެމްބާޕޭގެ ސަޕޯޓަރުން އަންނަނީ މި ވީޑިއޯއާއިމެދު ނުރުހުން ފާޅުކުރަމުންނެވެ.
އަސްލު މި ވީޑިއޯއަކީ މިދިޔަ އަހަރު އެމްބާޕޭ ސޯލްޓް ބޭގެ ރެސްޓޯރެންޓަކަށް ޒިޔާރަތްކުރި ރެއެއްގައި ނަގާފައިވާ ވީޑިއޯއެއްގެ ބައެކެވެ. ނަމަވެސް ކުރިން ވީޑިއޯގެ މި ބައި ދައުރުވެފައެއް ނުވެއެވެ.
https://www.youtube.com/shorts/JUNOb8t4pfk
އެމްބާޕޭގެ ސަޕޯޓަރުން މި ވީޑިއޯއާއިމެދު ނުރުހުން ފާޅުކުރަމުން ބުނެފައިވަނީ ސޯލްޓް ބޭ އެމްބާޕޭގެ މޫނަށް "ދޮނެއް" އެ ދެނީ ގަދަކަމުން ކަމަށާއި އެކަމާއި އެމްބާޕޭވެސް ނުރުހޭކަން ސާފު ކަމަށެވެ.
ސޯލްޓް ބޭގެ މި ވީޑިއޯއަށް ނުރުހުން އަމާޒުވަމުން އަންނައިރު ވޯލްޑްކަޕް ތަށި ގެންގުޅުނު މައްސަލައިގާ ސޯލްޓް ބޭއާއިމެދު ފިޔަވަޅު އަޅާނެކަން ފީފާއިންވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް