އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަނި ކަމަށް އެމްޑީޕީން ބުނެފި އެވެ.
ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ18 ވަނަ ދުވަހު އެވެ. އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭ ގޮތަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު ހަވީރު4:00 ގައި އެވެ.
އެމްޑީޕީން މީޑިއާގައި ބުނީ ވަގުތު ހަމަވިއިރު ފޯމު ހުށަހެޅި އެ ދެބޭފުޅުން ކަމަށާއި ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހަޅަން ޖެހެނީ500 މީހުންގެ ސޮޔާއި އެކު އެވެ.
ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނަޝީދު ފޯމު ހުށަހެޅުއްވީ އޮންލައިންކޮށެވެ. އަދި ތާއީދު ފޯމުގެ އަދަދު ހާމައެއް ނުކުރެ އެވެ.
ރައީސް ސޯލިހު ފޯމު ހުށަހެޅުއްވީ މިއަދު އެވެ. އެމަނިކުފާނު ޕްރައިމަރީގައި ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވީ 11،000 މީހުންގެ ތާއީދު ފޯމާއި އެކު އެވެ.
އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓު އާންމު ކުރާނީ ޖެނުއަރީ ތިން ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ރިޔަސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް