ސަރުކާރާއެކު ތިބުމުން ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމު ތަރައްޤީވަމުން ދާނެ: ރައީސް ޞާލިހް

ޤައުމު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރާއެކު ރައްޔިތުން ތިބުމަށާ، އޭރުން ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމު ތަރައްޤީވަމުން ދާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅ...

24 Dec 2022 | 06:22

ޤައުމު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރާއެކު ރައްޔިތުން ތިބުމަށާ، އޭރުން ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމު ތަރައްޤީވަމުން ދާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރައްޔިތުން ވަނީ މި ސަރުކާރު ބަލައިގަނެފައެވެ. އަދި ސަރުކާރަށް ހަތަރު އަހަރުވެފައިވާ އިރު، މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ ވަރަށް ގިނަ ކަންކަމަށް ރައްޔިތުން ބޭނުންވެފައިވާތީ ކަމަށް ވިދާޅުވިއެވެ.

އޭގެތެރޭގައި އަސާސީ ޚިދުމަތްތައް ހޯދުމާއި، އިޖްތިމާޢީ ހަމަޖެހުން ޤާއިމްކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުން ފަދަ ކަންކަން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ސަރުކާރުން ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ސިޔާސީ ޚިޔާލުތަފާތުވުމާއި ގުޅިގެން އެއްވެސް ވިޔަފާރިވެރިއަކަށް ވިޔަފާރިކުރުމަށް ހުރަސް އަޅާފައި ނުވާނޭކަމަށާއި، ދުލާއި ގަލަމުގެ މިނިވަންކަން ޤާއިމްކުރުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާފައި ނުވާނޭކަމަށާއި، ކުރިން މެދުކެނޑެމުން އައި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނޭގޮތް ފަހިކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރައީސް ވިދާޅުވިގޮތުގައި މިއަދާ ހަމަޔަށް 15,000 އަށް ވުރެ ގިނަ ޒުވާނުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާކަމަށާއި، ގއ. ދާންދޫއަށް އެކަނި ބެލި ކަމުގައިވިޔަސް މި ޕްރޮގްރާމްގެ ދަށުން 125 މީހެއް މަތީ ތަޢުލީމު ހާސިލްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ ވެރިކަމުގެ 5 އަހަރު ނިމޭ އިރު ލަފާފުރުމަށް ދަތިވެފައިވާ ރަށެއް ނޯންނާނެކަމަށާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ހިސާބަކުން ވެސް ސާފު ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިގެންދާނެކަމުގައި ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ގއ. ދާންދޫގައި މިހާރުވެސް 12 އަށް ވުރެ ގިނަ މަޝްރޫޢު އެކި މަރުޙަލާގައި ހިނގަމުންދާކަން ފާހަގަކުރައްވައި، ދާންދޫއަށް އިތުރު މަޝްރޫޢުތައް އިޢުލާންކޮށްދެއްވާފައެވެ.

އެގޮތުން، ރައްޔިތުންގެ އެދުމުގެ މަތިން ދާންދޫގައި ބޭންކެއް ޤާއިމްކުރުމަށާއި، މަސްވެރި ރަށަކަށް ވުމުން ދާންދޫގައި އޮޑި އެހެލާނެ ސަރަޙައްދެއް، ބަނދަރު މަޝްރޫޢާއެކީ ކުރިޔަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ދާންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންއާއެކު ބްލަޑް ބޭންކާއި، ސްކޫލްގެ މަލްޓިޕަރޕަސް ހޯލާއެކު ކްލާސްރޫމް އިތުރުކުރައްވާނެކަން ވެސް އެމަނިކުފާނު ވަނީ އިޢުލާނުކުރައްވާފައެވެ.

ރައީސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށްވެސް އެދެވޭ ޙައްލުތައް ވަރަށް އަވަހަށް ފެންނަމުންދާނެކަމުގައި ވިދާޅުވެފައެވެ.

އެގޮތުން، ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކާނެ ކަމަށާއި، އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ މިންވަރަށް ތެލާއި ޑީސަލް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށާއި، ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ 186.64 މިލިއަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދާންދޫއަށް 25 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް