ގއ. ދާންދޫ އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާއި ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ކައުންސިލާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވި، އަދި އަލަށް ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކާ، 2773 ވެލިބަސްތާ އަދި 41،451 ޓަނުގެ ހިލައިގެ ޙިމާޔަތުގެ އައްސޭރިފަށެއް ޤާއިމްކޮށް، 848 މީޓަރުގެ ރިވެޓުމަންޓެއްވެސް ތަރައްޤީކުރެވިފައިވާ ކަމަށެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 186.64 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގައި ހިންގުނު ވަރަށް ޙާއްސަ މަޝްރޫޢެކެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢަކީ އެމްޓީސީސީއަށް އަލަށް ގެނައި ބޮޑު ޖައްރާފާއިން ހިންގުނު ފުރަތަމަ މަޝްރޫޢު ކަމަށެވެ.
މިހާރުގެ ދާންދޫއާއި އަލަށް މި ހިއްކުނު ބިން ބްރިޖަކުން ގުޅާލެވިގެން ދާއިރު، މި އައު ބިން ވެގެން ދާނީ ޒަމާނީ ދާންދޫގެ އައު ޙަޔާތެއްގެ ފެށުމަށް ކަމަށާއި އޭގެ ތެރޭގައި، އައު އިންޖީނުގެއަށް ބޭނުންވާ ބިންވެސް އުފެއްދި، ބަނދަރު މަތި ރަނގަޅަށް ހެދިގެން ދިޔުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
ދާންދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ އަސްލަމާއި ރައީސް ޞޯލިހްގެ އިތުރުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަމުޙައްމަދު އަސްލަމާއި، ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުالله އާއި، ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް