ދަރީން ތަހައްމަލު ކުރާ ނަފްސާނީ މައްސަލަތަކުގެ އަސްލަކީ މައިންބަފައިންކަމަށް ތަޖުރިބާކާރުންގެ ހޯދުންތަކުން އެނގެއެވެ. އަދި ހަމަ އެ ހޯދުންތަކުން އެނގޭ ގޮތުގައި އެކަމުގެ ހައްލަކީވެސް ހަމަ މައިންބަފައިންނެވެ. ކޮންމެ އިންސާނަކަށް ވެސް އެ އިންސާނަކު އުޅޭ ވެށްޓާ ގުޅޭގޮތަށް ސިކުނޑި ހޭނުވުމުގެ ބާރު އެ މީހުންގެެ ސިކުނޑިއަށް ލިބިގެންވެއެވެ. ނަމަވެސް ތުއްތު ދަރިން އެމީހުންގެ ސިކުނޑިތައް ރަނގަޅު ގޮތުގައި ހޭނުވުމުގެ ބާރު އޮންނަނީ މައިންބަފައިންނަށެވެ. އެގޮތުން ދަރިން ނުބައި މިސްރާބަށް މިސްރާބު ޖަހަނީ މައިންބަފައިންގެ ސަބަބުންނެވެ.
ބުނަން މިއުޅެނީ މައިންބަފައިން ދަރީންނަށް ފަހިކޮށްދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ސަބަބުން އުފެދޭ ބަލިމަޑު ކަމެއްގެ ވާހަކައެވެ. މި ބަލިމަޑު ކަމުގެ ސަބަބުން ކުދިންގެ ވިސްނުމުގެ މިސްރާބު ނުރަނގަޅު ދިމާއަށް ދީލާލެވިގެންދެއެވެ.
ކުދީން އެފަދަ ކަންކަމުގެ ތެރެއަށް ދޫކޮށްލެވޭ އިރު މައިންބަފައިންނަކަށް އެކަން އިހުސާސް ނުކުރެވެއެވެ. މި ފަދަ ހާލަތަކަށް ދަރިން ދާން ދޫކޮށްލެވުމަކީ ދަރީން ދުޅެހެޔޮ ސިއްހަތަކަށް ބޭނުންވާ އެންމެ މުހިއްމު އަސާސް ތަކުން މަހްރޫމު ކުރެވުމެވެ. އެހެންކަމުން ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ހައްދެއް ވާކަމެއް ނުވަތަ މަޤުޞަދެއް ވާކަމެއް އެ ކުދީންނަކަށް އިހުސާސެއް ނުކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގައި އެކުދިންގެ ޒިއްމާތަކެއް ވާކަމެއް އެކުދިންނަކަށް ނޭންގެއެވެ. މިކަން އެކުދިންނަށް އަނަގައިދޭން ތިބޭ މައިންގެ ބިޒީ ޝެޑިއުލް އޮންނަގޮތުން އެކުދިންނަށް މިފަދަ ކަންކަން އޮޅުންފިލުވައިދީ ވިސްނައިދޭން އަޅުގަނޑުމެން މައިންބަފައިންނަކަށް ވަގުތެއް ނުވެއެވެ.
އެހެންކަމުން ކުދިން ބޭނުން ގޮތަކަށް އުޅެން އެކުދިންނަށް ފުރުޞަތު ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ކުދިން ތިބެނީ މި ޒަމާނީ ޑިޖިޓަލް ދުނިޔޭގެ ވަޞީލަތްތަކަށް ގޮސް ގެއްލި ހުސްވެފައެވެ. ކުދީން ކުރަނީ ކޮންކަމެއްތޯ ނުވަތަ އުޅެނީ ކިހިނެއްތޯ ކޮން ގޮތަކަށްތޯ ބަލައިލާނެ ވަގުތެއް މައިންބަފައިންކަށް ނޯވެއެވެ. ކުދީންނަށް އެކުދިން އުޅޭންވާ އެންމެ ރަނގަޅު ގޮތް ކިޔައިނުދީ ބޭނުން ގޮތަކަށް ކުދިން އުޅެން ދޫކޮށްލެވިފަ ތިބެނީއެވެ. އެހެން ކަމުން ޒިއްމާއަށް ވުރެ ބޮޑަށް ތިމަންނާ ބޭނުން ކޮންމެ ކަމެއް ކުރެވޭނެ ކަމުގެ އިހުސާސް ދަރީންނަށް ބެލެނިވެރީންގެ ފަރާތުން ލިބެއެވެ. އެހެންކަމުން ކުދިން ގިނަ ވަގުތު ހޭދަކުރަނީ ޓެބްލެޓް، ފޯނު، ނުވަތަ ޓީވީ ބެލުމުގައެވެ. ފޫހިވާނެ އެއްވެސް ވަގުތެއް އެ ކުދިންނަކަށް ނޯވެއެވެ. އެެއްކަމަކަށް ފަހު އަނެއް ކަމެއް ކުރެވޭނެ މަގު އެ ކުދިންނަށްް ފަހިކޮށްދީފައި ހުރެެއެވެ.
މިފަދަ ވެށްޓެއްގައި ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ކުދީން ބޮޑު ކުރުމަކީ އުނދަގޫ ކަމެކެވެ. ދަރީން މާޔޫސްވެ ފަރުވާ ހޯދަންޖެހޭ ހާލަތަށް ދަނީ އަޅުގަނޑުމެން މައިންބަފައިންގެ އިހުމާލުންނެވެ. އަޅުގަނޑުމެން މައިންބަފައިންގެ ފަރުވާ ކުޑަކަމުންނެވެ. މި ކަމުގެ ސަބަބުން އެތައް ސަތޭކަ ކުދީންނާއި އާއިލާއަކަށް މިވަނީ މިކަމުގެ ނުރައްކާތެރި އަސަރު ފޯރާފައެެވެ. ނަފްސާނީ ގޮތުން ކުދިން ވަނީ އިންތިހާއަށް ބަލިކަށިވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވޭ ދިރާސާ ތަކުގެ ތަފާސްހިސާބަށް ބަލާއިރު ނަފްސާނީ ގޮތުން ބަލިކަށީވެ ފަރުވާ ހޯދާ ކުޑަކުދީންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިކަމާއި ގުޅިގެން ހެދިފައިވާ ދިރާސާ ތަކަށް ބަލާއިރު ކޮންމެ ފަސް ކުދީންގެ ތެރެއިން އެއް ކުއްޖަކީ މެންޓަލް ހެލްތުގެ މައްސަލަ ދިމާވެފައިވާ ކުދީންނެވެ. ފުރާވަރު އުމުރުގައި ޑިޕްރެޝަން އަށް ދާ ކުދީންގެ އަދަދު 37 އިން ސައްތަ އިތުރުކަމަށް ދިރާސާއިން ދައްކާއިރު، އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދީންގެ އަމިއްލައަށް މަރުވާ އަދަދު ވެސް ވަނީ 100 އިންސައްތަ އިތުރުވެފައިކަމަށް ހޯދުންތަކުން ދައްކައެވެ.
ކަން މިހެން ކުރިއިރު، މިއީ އަޅުގަނޑުމެން މައިންބަފައިން ވަރަށް ފުންކޮށް ވިސްނާ ފިކުރުކޮށްލަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ދަރިން މިފަދަ ހާލަތަކަށް ދިއުމުގެ ކުރިން އެކުދިން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކޮންމެ މަޔަކާއި ބަފަޔަކުވެސް މަސައްކަތް ކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ޅަ ދަރިންނާއި އެ ދަތިންގެ މުސްތަޤުބަލަށްޓަކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް