މަގުމަތީ ޕެޓްރޯލްކުރަމުންދިޔަ ފުލުހަކަށް ބިރުދައްކާ ހަމަލާދިން މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނމިމައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލޭގެ ގްރޫޕަކަށް ނިސްބަތްވާ 3 މީހުން ކަމަށެވެ. އަދި އެމީހުން ވަނީ މަގުމަތީ ޕެޓްރޯލްކުރަމުންދިޔަ ފުލުހަކަށް ނުކިޔަމަންތެރިވެ ބިރުދައްކާ ޙަމަލާދީ މާރާމާރި ހިންގުމަށް މަސައްކަތްކޮށްފައި ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ މި ޑިސެންބަރު 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންނެވެ.
ފުލުހުން އިތުރަށް ބުނީ ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި މަޖީދީމަގާއި ދިލްބަހާރުމަގު ގުޅުނު ހިސާބުގައި ދެ ސައިކަލެއްގައި ދުއްވަމުން ދަނިކޮށް އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު އެ މީހުން ހުއްޓުވަން މަސައްކަތް ކުރިކަމަށެވެ. ނަމަވެސް ފުލުސް މީހާގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އަޅައި އެ ފުލުސްމީހާއަށް ހަމަލާދީ މާރާމާރީ ހިންގައި ބިރުދައްކައި އިންޒާރުދީފައިވާ ކަމަށެވެ.
މައްސަލައިގައި ހައްޔަރުކުރީ ސ. ފޭދޫ، ވީނަސްވިލާ، މުޙައްމަދު ވިޢާމް (27އ) އާއި ސ. ހިތަދޫ، ފާނަފިލާގެ، ޙަސަން ޢަލީމް (22އ) އަދި ކ. މާލެ، ދަފްތަރު ނަންބަރު ދރ2841، ޝާން ޢަބްދުﷲ (20އ) ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދުހާޒިރު ކުރުމުން، 7 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި މި އެންމެންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެކަމަށް ފުލުހުންވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް