ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ރަސްމީ ބައި ނިމިއްޖެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެކަމަނާ ރާއްޖެ ވަޑައިގެންފަވަނީ މިދިޔަ ބުދަ ދުވަހު މެންދުރު ފަހު އެވެ. އެ ދުވަހު އެއްވެސް ރަސްމީ ކަމެއް ކުރިޔަށް ގެންގޮސްފައެއް ނުވެ އެވެ.
ރަސްމީކޮށް ހަސީނާއަށް މަރުހަބާ ކިޔައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައި، އެއްބަސްވުންތަކުގައި ސޮއި ކުރީ އިއްޔެ އެވެ. އަދި މަޖިލީހުގައި އިއްޔެ ހަވީރު ތަގުރީރު ކުރެއްވި އިރު ރޭ ވަނީ ރައީސް އިބްރާހިމް ސޯލިހުގެ ދެކަނބަލުންގެ ފަރާތުން ޝެއިހް ހަސީނާއަށް ރަސްމީ ޖާފަތެއް ދެއްވާފަ އެވެ.
މި ޖާފަތައް ފަހު ހަސީނާގެ ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް ނިމުނީ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. އެކަމަކު އެކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނަވާނީ މިމަހުގެ27 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވި އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ޕްރޮފެޝަނަލުން ގެނައުމާއި ޔޫތް އެންޑް ސްޕޯޓްސް ދައިރާގެ އެއްބަސްވުމަކާއި ހިމެނެ އެވެ. އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމެންޓެއް ހިމެނެ އެވެ.
މީގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް