ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފި އެވެ.
އެ ގްރޫޕަކީ މަޖިލީހުގެ އިދާރާއިން މެމްބަރުންނަން އަންގާ ރަސްމީ ބައެއް މައުލޫމާތުތައް ހިއްސާ ކުރުމަށް ހަދާފައިވާ ގްރޫޕެކެވެ. ގްރޫޕުގައި މެމްބަރުންގެ އިތުރުން މަޖިލީހުގެ އިދާރާގެ ބައެއް މުވައްޒަފުން ތިބެ އެވެ.
މޮސްޓާ އެ ގްރޫޕުން ބޭރުކުރީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ މަންމައަށް ނިސްބަތްކޮށް އަވަގުރާނަ ގޮވުމުންނެވެ. މިކަން ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
މި މައްސަލައިގަ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ނިއުޝާ ފޮނުވި މެސެޖްގައި ވިދާޅުވީ، އެއީ އިދާރީ ގޮތުން މެންބަރުންނަށް އަންގަން ޖެހޭ އެންގުންތައް އެންގުމަށް އުފައްދާފައިވާ ގްރޫޕެއް ކަމަށެވެ. ނަމަވެސް ގްރޫޕުގައި ބޭއަދަބީ މެސެޖްތައް ލިޔުއްވައި ގްރޫޕުގެ މަގްސަދު ގެއްލޭ ގޮތަށް ތަކުރާރުކޮށް ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.
ނިއުޝާ ވިދާޅުވީ އެކަމަށް ފިޔަވަޅު އަޅަން ވަރަށް ގިނަ މެންބަރުން އޭނާގެ ކިބައިން އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި އެހެންކަމުން އެ މެންބަރު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ރިމޫވް ކުރަން ގަސްދުކުރައްވާ ކަމަށެވެ. އެ މެސެޖަށް ފަހު ނިއުޝާ ވަނީ މެންބަރު ނަޝީދު ގްރޫޕުން ބޭރުކޮށްލައްވައިފަ އެވެ.
މެންބަރު ނަޝީދު ގްރޫޕުން ބޭރުކުރި ނަމަވެސް މަޖިލީހުގެ އިދާރާއިން އަންގަން ޖެހޭ އެންގުންތައް މެންބަރު ނަޝީދަށް ވަކިން މެސްޖް ކުރައްވައިގެން އަންގަވާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި މޮސްޓާއަށް ނަސޭހަތްދީ އިންޒާރު ދީފައިވެ އެވެ.
މިއީ މަޖިލީސް މެންބަރަކަށް އިދާރާއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް