ރާއްޖޭގައި އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ ގައިން ގަޔަށް ނާރާ ބަލި ކަމަށްވާ ކެންސަރު ބަލިން ރައްކާތެރިވުން ފެށެނީ އަމިއްލަ ޒިންމާއިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން އާންމު ކުރި ހޭލުންތެރިކަމުގެ ޕޯސްޓެއްގައި ބުނެފައިވަނީ އިންސާނުންގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހޭ ކެންސަރުގެ 40 ޕަސެންޓަކީ ރައްކާތެރި ވެވޭނެ ކެންސަރުގެ ބާވަތްތައް ކަމަށެވެ. އޭގެ އެންމެ ބޮޑު ރޯލެއް އަދާކުރަނީ ދިރިއުޅުމުގެ އާދަތަކެވެ.
އެގޮތުން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަަކީ ދިރިއުޅުމުގެ އާދައަކަށް ހަދައި އެ އާދަ އަށަގަންނަވަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ފައިދާ ހުރި ތަރުކާރީ އާއި މޭވާ ކެއުން ފާހަގަ ކޮށްފައިވެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވުމަކީ ކެންސަރަށް މަގުފަހިވުމަށް އެޅޭ ހުރަހެކެވެ.
އެޗްޕީއޭއިން ބުނީ ކެއުން ބުއިމުގައި ދުޅަހެޔޮ ގުދުރަތީ ކާނާގެ މާއްދާތައް ވަރަށް ބޮޑަށް ބަދަލުކޮށް، ކެމިކަލްތަކާއި، ކުލަ، ރަހަ، އަދި ކާނާ ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓުމަށް ބޭނުންކުރާ (ޕްރިޒަވޭޓިވްސް ފަދަ) މާއްދާތައް އެއްކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކާބޯތަކެތި ބޭނުން ކުރުން މަދު ކުރަން ޖެހޭ ކަމަށެވެ.
މިފަދަ ބަދަލުތަކާއި އެކު މިއަދު ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ހެޔޮ ބަދަލަކީ އަމިއްލަ މުސްތަގުބަލު ރައްކާތެރިކޮށްދޭ ބަދަލަކަށް ވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން 2017-2025 އާއި ހަމައަށް ރާއްޖޭގައި ކެންސަރު ޖެހިގެން 1،900 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް