ފޮޓޯ: އުރީދޫ
އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި އިންޑިއާގެ ލަވަކިޔުންތެރިޔާ އަބީޖީތު ސާވަންތު، އުރީދޫ ފަންރަން 2026ގެ މިއުޒިކް ޝޯގައި ބައިވެރިވާން ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ޝޯ އޮންނާނީ އަންނަ ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ. އުރީދޫއިން ބުނީ ފަންރަން މިއުޒިކް ޝޯގެ މައި ފަންނާނެއްގެ ގޮތުގައި ހުށަހެޅުންތައް ހުށަހަޅައިދޭނީ އޭނާ ކަމަށެވެ.
ރޭގަނޑު 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝޯއަކީ މިއަހަރުގެ ފަންރަންގެ ހަރަކާތްތަކުގެ ތެރެއިން ބައިނަލްއަޤުވާމީ ފެންވަރުގައި ހިމެނޭ ޚާއްޞަ ހަރަކާތެކެވެ. އަބީޖީތު މަޝްހޫރުވީ 2005 ވަނަ އަހަރުގެ އިންޑިއަން އައިޑަލް ސީޒަން އެކެއް ކާމިޔާބުކޮށްގެންނެވެ. އޭނާގެ ފުރަތަމަ އަލްބަމް "އާޕްކާ އަބީޖީތު ސާވަންތު" އާއި އެ އަލްބަމްގައި ހިމެނޭ ލަވަ "މޮހައްބަތޭން ލުޓާއުންގާ" ވެގެންދިޔައީ އޭނާ އިންޑިއާގެ މިއުޒިކް ދާއިރާގައި ވަރުގަދައަށް ފައިހަމަކުރި ހިސާބު ކަމުގައެވެ.
ވިއްސަކަށް އަހަރަށް ދެމިގެންދާ ފަންނީ ހަޔާތުގައި އަބީޖީތު ވަނީ ރެކޯޑިން އާޓިސްޓެއްގެ ގޮތުންނާއި ބޮލީވުޑް ފިލްމްތަކުގެ ޕްލޭބެކް ލަވަކިޔުންތެރިއެއްގެ ގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. "ޖުނޫން" އާއި "ފަރީދާ" ފަދަ އަލްބަމްތަކުގެ އިތުރުން "އާޝިގް ބަނާޔާ އާޕްނޭ" އާއި "ތީސް މާރް ޚާން" ހިމެނެނީ އޭނާ ލަވަކިޔައިދީފައިވާ ފިލްމްތަކުގެ ތެރޭގައެވެ.
އެއާއެކު އޭޝިއަން އައިޑަލްގެ ތިންވަނައާއި "ޖޯ ޖީތާ ވޯހީ ސުޕަސްޓާ" ގެ ދެވަނަ ހޯދައި، 2024 ވަނަ އަހަރު ބިގް ބޮސް މަރާޓީ ސީޒަން ފަހެއްގެ ދެވަނަ ވެސް އޭނާ ހާސިލުކޮށްފައިވެއެވެ.
ކުލައާއި ދުވުމާއި މިއުޒިކް ގުޅުވައިގެން ބާއްވާ އުރީދޫ ފަންރަންއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިޖުތިމާޢީ ހަރަކާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް