އެޗްޑީސީން ތަރައްގީކޮށްފައިވާ ޖިމެއް -- ފޮޓޯ: އެޗްޑީސީ
ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ޙަވާލުކުރި 71 ޖިމްގެ ތެރެއިން 50 ރަށެއްގެ މަސައްކަތް އެއްކޮށް ނިންމައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީން ހިންގާ މި މަޝްރޫޢު އެޗްޑީސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް 19 ގައެވެ. މިހާތަނަށް ނިމުނު 50 ރަށުގައި ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ޖިމް ތައްޔާރުކޮށްފައިވެއެވެ.
ބާކީ ހުރި 21 ޖިމްގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށަށް ބޭނުންވާ ސާމާނު ފޮނުވައި އިންސްޓޯލްކުރުމުގެ އިތުރުން، މަރާމާތު ބޭނުންވާ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދެއެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ބެހެއްޓުމަކީ ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅެކެވެ.
ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤުޞަދުގައި ހިންގާ މި މަޝްރޫޢުގެ ބާކީ ހުރި ޖިމްތައް ވެސް ވީ އެންމެ އަވަހަކަށް ނިންމުމަށް އެޗްޑީސީން ދަނީ މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް