މާލީ ވުޒާރާ -
ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ
އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބު ކުރަމުންދާ އުސޫލަކީ ވޭތުވެދިޔަ މަހުގެ 16
އިން ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމަށްވާތީ، 1 ނޮވެންބަރުން ފެށިގެން ޕޭ
ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި
މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ލިބޭ މުސާރައިން
ކަމުގައި މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން ހާމަކުރިގޮތުގައި، މުސާރަ ހިސާބު ކުރުމުގައި ޢަމަލުކުރާ
އުސޫލަށް ބަލާއިރު، ނޮވެމްބަރ މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް
ހިސާބުކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި ޢިނާޔަތްތައް ހިމަނައިގެން ކަމަށާއި،
1 ނޮވެންބަރުން ފެށިގެން ލިބޭ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބުކޮށްފައިވާނީ
ނޮވެންބަރު މަހު 1 ން ފެށިގެން 15 ގެ ނިޔަލަށް ކަމަށްވާތީ، ނޮވެންބަރު މަހުގެ
މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވަރކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ
އެލަވަންސްތަކާއި ޢިނާޔަތްތަކުގެ އެއްބައި ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާގުޅިގެން
އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށް
ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ
މިންގަނޑު" އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށްވެސް
މާލީ ވުޒާރާއިން ހާމަކުރެއެވެ.
މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ދައުލަތުގެ ޕޭ
ފްރޭމްވަރކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ
އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ
ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް،
މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަޤާފަތެއް އާލާކުރުމަށް
ކަމަށެވެ.
މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން
ލިބޭގޮތަށް، ވަރކް-ލައިފް ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް
މަގުފަހި ކުރުން ހިމެނޭ ކަމަށްވެސް މާލީ ވުޒަރާއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް