ބަންގާޅު ކަނޑުގައި ހުރި ލޯޕްރެޝަރުގެ ބާރު ގަދަވެއްޖެ – މާދަމާ ޑިޕްރެޝަނަކަށް ބަދަލުވުމުގެ ފުރުސަތު

އިއްޔެ ބަންގާޅު ކަނޑުގައި އިންޑޮނޭސިޔާއާއި ދިމާއިން އުފެދުނު ލޯ ޕްރެޝަރު އޭރިއާގެ ބާރު އިތުރަށް ގަދަވެ ވެލް މާކްޑް ލޯ ޕްރެޝަރެއްގެ ދަރަޖައަށް ބަދަލުވެއްޖެއެވެ. އިންޑޮނޭޝިޔާއާއި ދިމާއިން މި ކޮޅިގަނޑު އ...

24 Nov 2024 | 18:16

އިއްޔެ ބަންގާޅު ކަނޑުގައި އިންޑޮނޭސިޔާއާއި ދިމާއިން އުފެދުނު ލޯ ޕްރެޝަރު އޭރިއާގެ ބާރު އިތުރަށް ގަދަވެ ވެލް މާކްޑް ލޯ ޕްރެޝަރެއްގެ ދަރަޖައަށް ބަދަލުވެއްޖެއެވެ.

އިންޑޮނޭޝިޔާއާއި ދިމާއިން މި ކޮޅިގަނޑު އުފެދުނުނަމަވެސް އިއްޔެ ހެނދުނުން ފެށިގެން މިހާތަނަށް ދަތުރުކޮށްފައިވަނީ ރާއްޖެ-ލަންކާ މި އޮންނަ ފަޅި ކަމުގައިވާ ބަންގާޅު ކަނޑުގެ ހުޅަނގު ބިތަށެވެ.

މި ކޮޅިގަނޑުގެ ބާރު މިވަގުތު ހުރީ ވެލް މާކްޑް ލޯ ޕްރެޝަރ އޭރިއާއެއްގެ ދަރަޖައިގާކަމުގައިވީނަމަވެސް މާދަމާ ހެނދުނުގެ ވަގުތެއްގައި މި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ޑިޕްރެޝަނަކަށް ބަދަލުވާނެކަމަށް ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ފޯކާސްޓްކޮށްފައިވެއެވެ. އަދި މިހާތަނަށް ދަތުރުއެކުރި މިސްރާބު ހުޅަނގު އުތުރަށް ބަދަލުވެ ސްރީލަންކާއާއި އިންޑިއާއި ދިމާއަށް މިސްރާބު ބަދަލުވާނެކަމުގައިވެސް ފޯކާސްޓްކޮށްފައިވެއެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަކަށް އަދި ފޯކާސްޓްކޮށްފައެއް ނުވެއެވެ. މިހާތަނަށް ފޯކާސްޓްކޮށްފައިވަނީ ބުދަ ދުވަހާއި ހަމައަށް މި ކޮޅިގަނޑުގެ ބާރު ޑީޕް ޑިޕްރެޝަނެއްގެ ދަރަޖައަށް ބަދަލުވާނެ ކަމަށެވެ. ޑީޕް ޑިޕްރެޝަނަކަށްވުރެ ބާރުގަދަވެއްޖެނަމަ ދެން ބަދަލުވާނީ ތޫފާނެއްގެ ދަރަޖައަށެވެ.

ތޫފާނަކަށް ބަދަލުވެއްޖެނަމަ އެ ތޫފާނަށް ދޭނެ ނަމަކީ ތޫފާން "Fengal" އެވެ. އެ ނަމަކީ ސައޫދީ އަރަބިއްޔާއިން ދީފައިވާ ނަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް