އެންމެ އިސްކަންދޭ އެއްކަމަކީ ޑްރަގުން ރާއްޖެ ސަލާމަތްކުރުން: ރައީސް މުއިއްޒު

އެންމެ އިސްކަންދޭ އެއް ކަމަކީ ޑްރަގުން ރާއްޖެ ސަލާމަތްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން...

24 Nov 2024 | 15:40

އެންމެ އިސްކަންދޭ އެއް ކަމަކީ ޑްރަގުން ރާއްޖެ ސަލާމަތްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް ކޯސްޓު ގާޑުން އަތުލައިގަތް ލަންކާ މަސްބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ކަމަށެވެ.

ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށާއި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ހދ. މަކުނުދޫ ބޭރުން މަސްބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ކުޅުދުއްފުށީ ސިޓީއަށް ގެންދިޔަ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:40 ހާއިރު އެމްއެންޑީއެެފުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.

އަދި އެބޯޓު މިއަދު ހެނދުނު ކުޅުދުއްފުށީ ބަނދަރަށް ގެނައުމާއިއެކު ހެނދުނު 09:30 ހާއިރު ފުލުހުންނާއި ސިފައިން އެކުގައި ބޯޓަށް އަރައި ބަލާފާސްކުރުމުގެ ތެރޭގައި 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވަނީ މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ކޯސްޓްގާޑުގެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި މި އޮޕަރޭޝަނަކީ އެކި އެޖެންސިތަކާ ގުޅިގެން ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ކާމިޔާބު މަސައްކަތެއްކަން ސީޕީ ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް