ގޮނޑިގެއްލޭ އިސްލާހު ހިމެނޭހެން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުން ނިމިދިޔަ ހަފްތާގައި ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގ...

24 Nov 2024 | 08:03

ރައްޔިތުންގެ މަޖިލީހުން ނިމިދިޔަ ހަފްތާގައި ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން އެވެ.

މިކަން ހާމަކޮށް އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެކަމަށެވެ.

އަލީ ހުސެއިން ހުށަހެޅި އެ މައްސަލަ ބަލައިގަތްކަން އަދި ނޫންކަން އަދި ސާފެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ގެޒެޓުކޮށްފައިވާ އެ އިސްލާހަށް ބަލާލާއިރު އެ ބިލުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިޞްލާޙެއް ގެނަސްފައެވެ.

މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް ހިމަނާފައިވާ ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކުރެވިފައިވެއެވެ. މިގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ދެވަނައަށް އެންމެ މުހިންމު އިޞްލާޙެއްގެ ގޮތުގައި، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލު ފާހަގަކުރެވެއެވެ. މި ބަދަލާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. މި އިޞްލާޙުގައި ރާއްޖޭގެ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ބ) އަށް ގެނެވުނު އިޞްލާޙާއެކު، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައްވެސް ވަނީ ފުޅާކުރެވިފައެވެ. މިގޮތުން، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަޞައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި އިޞްލާޙުގެ ދަށުން ލިބިދެއެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިޞްލާޙުގެ ދަށުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މީގެން އިސްތިސްނާވެއެވެ.

މީގެއިތުރުން މި ބިލުގައި ޤާނުނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް ވަނީ 2 ނަންބަރު އިތުރުކުރެވިފައެވެ. މިގޮތުން، ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނަގަން ވާނެ ކަމަށްވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް