ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އާ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ލިބުމާއެކު 3000 ހަމަކުރަންދޭ މުއްދަތަށްވުރެ މާ ކުރިންވެސް އަދަދު ހަމަކޮށް ރަޖިސްޓްރީކުރަން ވެއްދޭނެ ކަމުގައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ، މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ކުރީގެ ޓެކްނޯލޮޖީ މިނިސްޓަރު މަލީހް މިރޭ ދުވަހަށް ވިދާޅުވީ މިހާރުގެ އެންމެ ބޮޑު ފޯކަސް އަކީ އާދީއްތަ ދުވަހު ހެނދުނު ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން ކަމަށެވެ.
"އަސާސީ ގަވާއިދާ، ނަމާ، ލޯގޯވެސް މިހާރު މިވަނީ ނިމިފަ، މިހާރު މިދަނީ އިދާރީ ސެޓަޕެއްގެ މަސައްކަތް" އާ ޕާޓީގެ އޮފީސް ވުޖޫދުކުރުމުގެ ވާހަކައާއެކު މަލީހް ވިދާޅުވިއެވެ.
މަލީހް އިތުރަށް ވިދާޅުވީ އަލަށް އުފައްދާ ޕާޓީއާއި ގުޅި އާ ޕާޓީގެ ކަންކަން "ޔާން ސްޕީޑް"ގައި ކުރިއަށްގެންދަން މުޅި ރާއްޖޭގައި ލަޝްކަރު އޮތީ ތައްޔާރަށް ކަމަށާއި ސިޔާސީ ދާއިރާއަށް އަލަށް ނިކުންނަ އެތައްބައެއްގެ ތާއީދުވެސް މިކަމަށް ލިބެމުން އަންނަ ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާއެކު ޕާޓީއަށް 3000 މެންބަރުންގެ ސޮއި ހޯދުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. ޕާޓީއެއްގެ ރަޖިސްޓްރީ އިލެކްޝްންސް ކޮމިޝަނުން ދޭނީ އެ އަދަދު ކަށަވަރުކުރުމަށްފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް