ވޯލްޑް ކަޕް 2022: ޕޯޗުގަލް އިން ގާނާ ބަލިކުރިއިރު، ރޮނާލްޑޯއަށް ރެކޯޑެއް

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިރޭ ޕޯޗުގަލް އާއި ގާނާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ޕޯޗުގަލް ކާމިޔާބު ކޮށްފިއެވެ. ޕޯޗުގަލްއިން ފެށުން ރަނގަޅު ކުރިއިރު، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮ...

24 Nov 2022 | 18:58

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިރޭ ޕޯޗުގަލް އާއި ގާނާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ޕޯޗުގަލް ކާމިޔާބު ކޮށްފިއެވެ. ޕޯޗުގަލްއިން ފެށުން ރަނގަޅު ކުރިއިރު، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 5 ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ.

މެޗު ފެށިގެން ޕޯޗުގަލްއިން ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅެ އެޓޭކްތައް އުފައްދަން މަސައްކަތް ކުރިއިރު، ގާނާއިން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެކެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން ރޮނާލްޑޯއަށް ފުރުސަތުތަކެއް ލިބުނެވެ. އެހެނަސް އޭނާ ފޮނުވާލި އެއް ހަމަލާ ގާނާގެ ކީޕަރު މަތަކުރިއިރު، ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

ދެ ވަނަ ހާފު ފެށިގެން މާކަ ގިނައިރުތަކެއް ނުވެ ޕޯޗުގަލްއިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ސަސީލޫ ރޮނާލްޑޯއަށް ކުރި ފައުލްއަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ އިން ލަނޑު ޖެހީ ވެސް ރޮނާލްޑޯއެވެ.

ގާނާއިން ފުރަތަމަ ފަހަރަށް އެއްވަރުކުރީ 73 ވަނަ މިނިޓުގައި އަޔޫ ޖަހައިދިން ލަނޑަކުންނެވެ. މި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ގާނާ ކުޅުންތެރިންގެ ލިސްޓްގެ ދެ ވަނައަށް އަރާފައެވެ.

މެޗުގެ 78 ވަނަ މިނިޓުގައި ފީލިކްސް އަދި އޭގެ އިރުކޮޅެއްފަހުން ރަފައެލް ލިއޯ ޖެހި ލަނޑުތަކުން ޕޯޗުގަލްއިން 2 ލަނޑުގެ ލީޑެއް ނެގިއެވެ.

މެޗު ނިމެން ދަނިކޮށް ބުކާރީ ކާމިޔާބުކޮށްދިން ލަނޑަކުން ގާނާއިން ފަރަގު 1 ލަނޑަށް ކުޑަ ކުރިނަމަވެސް، މެޗު އެއްވަރު ކޮށްލެވޭގޮތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް