ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި މިރޭ އުރުގުއޭ އާއި ސައުތު ކޮރެއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ. ހީކުރިގޮތާ ހިލާފަށް ކޮރެއާއިން ފުރަތަމަ ވަރުގަދަކޮށް ފަށާ ވަރުގަދަކޮށް ނިންމާލިއިރު، އެ ޓީމުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔޫ ޖޯ އަށެވެ. އެހެނަސް، މުޅިން ހުސްކޮށްހެން ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އޭގެ ފަހުން އުރުގުއޭ އިން ނެގި ކޯނަރެއް ޑިއޭގޯ ގޯޑީން ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ދެ ވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ގޯލެއް ޖެހުމަށް އެޓޭކްތައް އުފައްދަމުން ދިޔައެވެ. މިގޮތުން މެޗުގެ ފަހުކޮޅު އުރުގުއޭގެ ވަލްވާޑޭ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ދަނޑިއަށް އަމާޒުވިއިރު، ކޮރެއާގެ ސޮން ދުރުން ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
މި ގްރޫޕްގައި ޕޯޗުގަލް އާއި ގާނާ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑި 21:00 ގައެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| އުރުގުއޭ | ކޮރެއާ | |
| 0 | ލަނޑު | 0 |
| 47% | ބޯލް ޕޮޒިޝަން | 37% |
| 0 | ޝޮޓް އޮން ޓާގެޓް | 0 |
| 8 | ޝޮޓް އޮފް ޓާގެޓް | 5 |
| 547 (81%) | ޕާސްތައް (ކާމިޔާބު މިންވަރު) | 419 (78%) |
| 1 | ރީނދޫ ކާޑު | 1 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް