ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީ ގައި މިއަދު ސްވިޒަލެންޑާއި ކެމަރޫން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ސްވިޒަލެންޑް ކާމިޔާބު ކޮށްފިއެވެ.
މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 48 ވަނަ މިނިޓުގައި ސްވިޒަލެންޑަށް ކާމިޔާބު ކޮށްދިނީ ބްރީލް އެމްބޯލޯއެވެ. މިއީ ޝަގީރީ އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން އެމްބޯލޯ ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ސްވިޒަލެންޑުން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް އެކަށީގެންވާ ހަމަލާތަކެއް އުފެއްދޭގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ކައުންޓަރ އެޓޭކްތަކުގައި ކެމަރޫން އިން ނުރައްކާކުރިއިރު، އެ ޓީމުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެމްބިއުމޯ އަށެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ސްވިޒަލެންޑްގެ ގޯލްކީޕަރ ސޮމާ ދިފާއުކުރިއިރު، ހާފު ނިމެނިކޮށް ހިންގްލާ ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ބޯޅަ ވެސް ކީޕަރު ވަނީ ސަލާމަތްކޮށްފައެވެ.
ދެ ވަނަ ހާފު ފެށިގެން ކުރީކޮޅު ސްވިޒަލެންޑުން ލީޑު ނެގިއިރު، ކެމަރޫން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ސްވިޒަލެންޑްގެ ގޯލް ކީޕަރެވެ. އަނެއްކޮޅުން މެޗުގެ ފަހުކޮޅަށް ދިޔައިރު، ކެމަރޫންގެ ފަރާތުން ވަރުބަލިކަން ފެނި، ބޯޅަތައް ގެއްލުވާލުމުގެ ފައިދާ ނަގައި، ސްވިޒަލެންޑުން އިތުރަށް އެޓޭކްތައް ވަރުގަދަކުރިއެވެ. އެހެނަސް، މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
މި ގްރޫޕްގައި ދެން އޮތް ދެ ޓީމު ކަމަށްވާ ބްރެޒިލް އާއި ސާބިއާ މިރޭ ރާއްޖެ ގަޑިން ދަންވަރު 12:00 ގައި ބައްދަލުކުރާނެއެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ސްވިޒަލެންޑް | ކެމަރޫން | |
| 1 | ލަނޑު | 0 |
| 42% | ބޯލް ޕޮޒިޝަން | 44% |
| 3 | ޝޮޓް އޮން ޓާގެޓް | 4 |
| 4 | ޝޮޓް އޮފް ޓާގެޓް | 2 |
| 514 (84%) | ޕާސްތައް (ކާމިޔާބު މިންވަރު) | 493 (84%) |
| 2 | ރީނދޫ ކާޑު | 1 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް