އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ މަޝްހޫރު ޖަމާ މިސްކިތުގައި އަންހެނުންނަށް ހާއްސަކޮށް ގަވައިދުތަކެއް ހަދައިފި އެވެ.
އެ މިސްކިތުގެ މެނޭޖްމެންޓު ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ދެން އެ މިސްކިތުގެ ގޯތިތެރެއަށް ވަނުމާއި ނަމާދު ކުރުމުގައި އަންހެނުން ހާއްސަ ގަވައިދަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. މި ގަވައިދު ހެދީ މިސްކިތުގައި ބޮޑު ގޭޓެއް ހަރު ކުރުމަށްފަހު އެވެ.
އެ ކޮމިޓީން ބުނީ މިސްކިތަށް ވަންނަ އަންހެނުން ދާން ޖެހޭނީ އާއިލާގެ ފިރިހެނަކާއި އެކު ކަމަށެވެ.
މިސްކިތުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ސާބިއުﷲ ހާން ބުނީ ކައިވެނި ކޮށްގެން އުޅޭ އަންހެނުންނާއި އާއިލާގެ ފިރިހެނުންނާއި އެކު ދާ އަންހެނުންނަށް މިސްކިތަށް ވަނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. މިފަދަ ގަވައިދެއް ހަދަން ޖެހުނީ ހުސްހަށިބައި އަންހެނުން މިސްކިތު ގޯތިތެރެއަށް ވަދެ ފޮޓޯ ނަގާވަރުން ކަމަށެވެ.
އޭނާ ބުނީ އެފަދަ އަންހެނުންނާއި ހެދި މިސްކިތުގައި މީހުންނަށް ނަމާދު ކުރަން އުނދަގޫވެފައިވާ ކަމަށެވެ.
މި ނިންމުން ކުށްވެރިކޮށް ދިއްލީ ކޮމިޝަން ފޯ ވުމަންގެ ޗެއާޕާސަން ސްވަތީ މަލިވާލް ބުނީ އެ މައްސަލައިގަ މިސްކިތުގެ މެނޭޖްމެންޓަށް ނޯޓިސްއެއް ފޮނުވާނެ ކަމަށެވެ. އެފަދަ ގަވައިދެއް އަންހެނުންނަށް ހާއްސަކޮށް ނުހެދޭނެ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް