ޕޯޗުގަލްއިން 2022 ގެ ވޯލްޑް ކަޕް މިރޭ ގާނާއާ ދެކޮޅަށް ފަށާއިރު، މިއީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށްވުން ވަރަށް ގާތެވެ.
ޕޯޗުގަލް އާއި ގާނާ މިހާތަނަށް ވޯލްޑް ކަޕްގައި 1 ފަހަރު ކުރިމަތިލާފައިވާއިރު، އެ މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޕޯޗުގަލް އެވެ.
ތާރީޚް: 24 ނޮވެމްބަރ 2022
ގަޑި: 21:00
ސްޓޭޑިއަމް: ސްޓޭޑިއަމް 974
ގްރޫޕް: އެޗް
ފީފާ ރޭންކިންގ: ޕޯޗުގަލް (9)، ގާނާ (61)
ޕޯޗުގަލް ޓީމަށް ނަޒަރެއް:
ޕޯޗުގަލްގެ މެޗުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ޔުނައިޓެޑާ މައްސަލަޖެހި، އެއްބަސްވުން އުވާލާ، މިހާރު ކްލަބެއް ނެތި ހުރި ރޮނާލްޑޯގެ ފޯމު މި ސީޒަންގައި ވަރަށް ދަށެވެ. އެހެނަސް، އޭނާގެ ފަހު ވޯލްޑް ކަޕަށް ވުމުން ގައުމީ ޓީމުގައި ތަފާތު ދެއްކުމަކީ ގާތް ކަމެކެވެ. އޭނާއާ މެދު ގާނާ ސަމާލުވާން ޖެހެނީ މި ސަބަބާހުރެއެވެ. މީގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރ ޕެޕޭ އާއި، ޒުވާން ރަފައެލް ލިއޯގެ އިތުރުން މެދުތެރެއަށް ކުޅޭ ވިޓީނާ އާއި ބްރޫނޯ ފެނާންޑޭޒް ހުރީ ރަނގަޅު ފޯމެއްގައެވެ.
ގާނާ ޓީމަށް ނަޒަރެއް:
2014 ގެ ވޯލްޑް ކަޕްގައި ޕޯޗުގަލް އަތުން ގާނާ ވީ ބައްޔެވެ. އެހެނަސް އެ ޓީމު ބަދަލު ހިފުމަކަށް ނުކުންނައިރު، އަޔަސްއަށް ކުޅޭ ފޯވާޑް މުހައްމަދު ކުޑޫސް އާއި އާސެނަލްގެ މިޑްފީލްޑަރ ތޯމަސް ޕާޓޭ ފަދަ ކުޅުންތެރިން ހިމެނޭ މި ޓީމު ބަލިކަށި ޓީމެއްގެ ގޮތުގައި ބެލޭނެ ޖާގައެއް ނެތެވެ. ފީފާގެ އުމުރު ފުރާތަކުގައި ރަނގަޅު ކާމިޔާބީތައް ހޯދާ ގާނާ ޓީމަކީ، ވޯލްޑް ކަޕްގައި ސަޕްރައިޒް ނަތީޖާތައް ހޯދުމުގައި ވެސް މަޝްހޫރު ބައެކެވެ.
ޕޯޗުގަލްގެ ފޯމް:
ޕޯޗުގަލް އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވިއިރު، އަނެއް 2 މެޗުން ވީ ބައްޔެވެ.
ގާނާގެ ފޯމް:
ގާނާ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވިއިރު، އަނެއް 2 މެޗުން ވީ ބައްޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް