ހުޅުމާލޭގައި އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރި ކުރުމުގެ ހުއްދަ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފި އެވެ.
އެޗްޑީސީން މިއަދު ބުނީ ފުރަތަމަ ފަންގިފިލާގައި ވިޔަފާރި ހިންގޭނީ އަމިއްލަ ފަރާތްތަކުން އިމާރާތް ކޮށްފައިވާ ތަންތަނުގައި ކަމަށެވެ. އެ ތަންތަނުގެ ފުރަތަމަ ފަންގިފިލާގައި ރެސްޓޯރެންޓު/ ކެފޭ އަދި ވިޔަފާރި ހިންގޭނެ އެވެ.
އެކަމަކު އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުމެއް ނުކުރެވެ އެވެ. އެގޮތުން ޔަފާރީގެ ގޮތުގައި ގުދަން ހެދުމާއި ގަރާޖު ފަދަ ތަންތަން ހިންގުމަކީ މަނާކަމެކެވެ.
އެޗްޑީސީން ބުނީ މި ބަދަލު ގެންނަން ނިންމީ އިކޮނޮމިކް މިނިސްޓްރީގެ އެދުމަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުމުގެ ގޮތުން ކަމަށެވެ. އަދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް މަގުފަހިކޮށްދިނުމަކީވެސް ގަވައިދަށް ބަދަލު ގެނައި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.
ފުރަތަމަ ފަންގިފިލާގައި ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުން ހުޅުމާލޭގައި ތަފާތި ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަ ގުނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ކުންފުނިން ބުނީ އެ ފުރުސަތި ފަހިވުމުން އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިއުމަށް މަގުފަހިވާނެ ކަމަށެވެ.
އެޗްޑީސީން ބުނީ އެފަދަ ހުރިހާ ފުރުސަތަކަށް އެކުންފުނިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް