ދިވެހި ރުފިޔާގެ ނިޝާން ޖެހި ނޫޓު އަންނަ މަހު ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ދިވެހި ރުފިޔާގެ ނިޝާން ޖެހި ފުރަތަމަ ނޫޓަކީ50 ރުފިޔާ އެވެ. އެ ނޫޓު ލޯންޗުކޮށް، ފުރަތަމަ ފަހަރަށް ދައްކާލީ މިމަހުގެ13 ވަނަ ދުވަހު އެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ނޫޓު އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ދައުރު ކުރަން ފަށާނެ ކަމަށެވެ.
އަލަށް ޗާޕުކޮށްގެން 50 ރުފިޔާގެ އާ ނޫޓެއް ނެރުނަސް މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓު އޭގެ ފަހުންވެސް ބޭނުން ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެމްއެމްއޭއިން ބުނީ އަލަށް ޗާޕު ކުރި ނޫޓުގެ ދެފަރާތުގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނިފައި ވާނެ ކަމަށެވެ. ނޫޓުގައި ސޮއި ކުރައްވާފައިވަނީ ގަވަރުނަރު އަލީ ހާޝިމްއެވެ.
އެ ނޫޓުގައި ޗާޕުކުރި ތާރީހަކަށް ޖެހިފައި ވާނީ އަށެއް ސެޕްޓެމްބަރު 2022 އެވެ.
ދިވެހި ފައިސާގެ ނިޝާންގައި ތާނަ އަކުރު “ރ” ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެ އެވެ. މި ނިޝާން ތައާރަފް ކުރީ މިދިޔަ ޖުލައި މަހު އެވެ.
ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ފައިސާގެ ނޫޓުތަކުގެ ބަދަލުގައި އާ ނޫޓުތަކެއް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް