ފީފާ ވޯލްޑް ކަޕުގެ ފަސްވަނަ ދުވަހުގެ މެޗުތައް މިއަދު ކުޅެން ފަށާއިރު މިއަދުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ސްވިޒަލެންޑާއި އާއި ކެމަރޫން އެވެ. ސްވިޒަލެންޑާއި ކެމަރޫން ބައްދަލުކުރާ މި މެޗު ފަށާނީ މިއަދު މެންދުރު ފަހު ރާއްޖޭ ގަޑިން ތިނެއް ޖަހާއިރުއެވެ.
މިއީ މި ދެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ވާދަވެރި މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައެއް ނުވެއެވެ.
ތާރީޚް: 24 ނޮވެމްބަރ 2022
ގަޑި: 15:00
ސްޓޭޑިއަމް: އަލް ޖަނޫބް ސްޓޭޑިއަމް
ގްރޫޕް: ޖީ
ފީފާ ރޭންކިންގ: ސްވިޒަލެންޑް (15)، ކެމަރޫން (43)
ސްވިޒަލެންޑް ޓީމަށް ނަޒަރެއް
މިއީ ސްވިޒަލެންޑް ވޯލްޑް ކަޕުގައި ވާދަކުރާ 12 ވަނަ ފަހަރެވެ. އަދި މިއީ ޖެހިޖެހިގެން ވޯލްޑް ކަޕަށް ކޮލިފައިވި ފަސްވަނަ ފަހަރުވެސް މެ އެވެ. ސްވިޒަލެންޑް ވަނީ އެންމެފަހުން ކުޅުނު ހަތަރު ވޯލްޑް ކަޕްގެ ތެރެއިން ތިން ވޯލްޑް ކަޕެއްގައި ގްރޫޕް ސްޓޭޖް ފަހަނައަޅާ ގޮސްފަ އެވެ.
ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމެއް އަތުން ސްވިޒަލެންޑް މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. ވޯލްޑް ކަޕްގައި ސްވިޒަލެންޑުން އެފްރިކާ ޓީމަކާއި ދެކޮޅަށް މިހާތަނަށް ކުޅެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2006 ގެ ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ޓޯގޯއާއި ދެކޮޅަށެވެ. މި މެޗުން ސްވިޒަލެންޑް މޮޅުވީ 0-2 އިންނެވެ.
ކެމަރޫން ޓީމަށް ނަޒަރެއް
މިއީ ކެމަރޫން އިން ވޯލްޑް ކަޕްގައި ވާދަކުރާ އަށްވަނަ ފަހަރެވެ. ނަމަވެސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ކެމަރޫނަށް ދަތުރުކުރެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ މުބާރަތުވެ ކުއާޓާ އަށް ކެމަރޫން ދަތުރުކުރިއެވެ. އެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕް މުބާރާތައް ކެމަރޫން ކޮލިފައިވެފައެއް ނުވެއެވެ.
ސްވިޒަލެންޑް ފޯމް:
އެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ، 2 މެޗުން ވަނީ ބަލިވެފައެވެ.
ކެމަރޫން ފޯމް:
ކެމަރޫން އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން އެއްވަރުވެ، 2 މެޗުން ބަލިވިއިރު، އަނެއް މެޗުން ވީ މޮޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް