އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަލައިގަންނަ ޗެކުތަކުގެ ލިމިޓު ކަނޑައަޅައިފިއެވެ.
ބީއެމްއެލްއިން ބުނީ 2023 ވަނަ އަހަރުގެ އެކެއް އޭޕްރިލް އިން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަން ޖެހޭ އެންމެ މަތީ އަދަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ކަމަށެވެ. މިއީ އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގެ ޕޭމަންޓްގެ ހިދުމަތް ފުޅާ ކުރުމަށް އެމްއެމްއޭއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ގެނައި ބަދަލެކެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލާއެކު އެ ބޭންކުން ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އަދި 3000 ޑޮލަރާ ހަމައަށް ދޫކޮށްފައިވާ ޗެކުތައް ކަމަށެވެ. މި ގޮތަށް އެންމެ މަތި އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ އަދަދަށްވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށް ބުނެފައިވެ އެވެ.
ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ކަސްޓަމަރުން ބޭންކިން ހިދުމަތް ހޯދުމުގައި ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. ބީއެމްއެލްއިން ބުނީ އިންޓަރނެޓް ބޭންކިންއަށް ރެޖިސްޓާ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
ބީއެމްއެލްގެ އިންޓާނެޓް އަދި މޯބައިލް ބޭންކިންއަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެކެވެ. އެ ބޭންކުން ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓާނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް