ސައޫދީ ޑިފެންޑަރު، ޔާސިރް އަލް ޝަހްރާނީ އެމަޖެންސީ އޮޕަރޭޝަނެއް ކޮށްފި

ވޯލްޑްކަޕްގައި ސައޫދީ އަރަބިއްޔާއިން އާޖެންޓީނާ ބަލިކުރި މެޗުގައި ބޮޑު އަނިޔާއެއް ލިބުނު ސައޫދީ ޑިފެންޑަރު ޔާސިރް އަލް ޝަހްރާނީ އެމަޖެންސީ އޮޕަރޭޝަނެއް ކޮށްފިއެވެ. ސައޫދީ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮ...

24 Nov 2022 | 03:08

ވޯލްޑްކަޕްގައި ސައޫދީ އަރަބިއްޔާއިން އާޖެންޓީނާ ބަލިކުރި މެޗުގައި ބޮޑު އަނިޔާއެއް ލިބުނު ސައޫދީ ޑިފެންޑަރު ޔާސިރް އަލް ޝަހްރާނީ އެމަޖެންސީ އޮޕަރޭޝަނެއް ކޮށްފިއެވެ.

ސައޫދީ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި ކޮށްފައިވަނީ މޫނުގެ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ކޮށްފައިވަނީ ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ ނޭޝަނަލް ގާޑް ހޮސްޕިޓަލުގައެވެ. އޮޕަރޭޝަން ކާމިޔާބު ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

މެޗު ނިމެން ގާތްވެ، އިތުރުވަގުތުގައި ޝަހްރާނީއަށް އަނިޔާވީ ސައޫދީ ގޯލު ކައިރިން ބޯޅައެއް ދިފާއުކުރުމުގައި ޝަހްރާނީ އާއި ސައޫދީ ކީޕަރު އަލޮވައިސް އެކުގައި މަސައްކަތްކުރި ވަގުތު އަލޮވައިސްގެ ކަކުލުން ވަރަށް ބާރަށް ޝަހްރާނީގެ މޫނުގައި ޖެހިގެންނެވެ. އެ ވަގުތު ޝަހްރާނީ ދަނޑުތެރެއަށް ވެއްޓުނީވެސް ހޭ ނެތިގެންނެވެ. ނަމަވެސް މެޑިކުންގެ އެހީގައި ދަނޑުން ނެރެނިކޮށް ހޭ އެރުމުން ޝަހްރާނީ ވަނީ އަތުގެ އިޝާރާތުން ރަނގަޅުކަމުގައި ބުނެފައެވެ.

އެ ހާދިސާގައި ޝަހްރާނީގެ މޫނުގެ ކަށިތަކަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އޮޕަރޭޝަނަށްފަހު މިހާރު ހާލު ރަނގަޅުކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މި ވޯލްޑްކަޕްގައި ޝަހްރާނީ ދެން ފެނިގެންގޮސްދާނެކަމަކަށް ނުބެލެވެއެވެ.

ސައޫދީ އަރަބިއްޔާއާއި އާޖެންޓީނާ ބައްދަލުކުރި މެޗު ސައޫދީން ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުގެ ތަފާތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް