ފީފާ ވޯލްޑް ކަޕް 2022: ކެނެޑާގެ މައްޗަށް ކުރި ހޯދާ ބެލްޖިއަމް ފެށުން ރަނގަޅު ކޮށްފި

ފީފާ ވޯލްޑް ކަޕް 2022 ގުރޫޕް އެފްގައި ރޭ ކެނެޑާއާއި ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. އަހްމަދް ބިން އަލީ ސްޓޭޑިއަމްގައި ކެނަޑާ އާއި ވާދަކުރި މި މެޗު ބެލްޖިއަމް ކާމިޔާބުކުރީ 1-0 ން...

24 Nov 2022 | 01:43

ފީފާ ވޯލްޑް ކަޕް 2022 ގުރޫޕް އެފްގައި ރޭ ކެނެޑާއާއި ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ.

އަހްމަދް ބިން އަލީ ސްޓޭޑިއަމްގައި ކެނަޑާ އާއި ވާދަކުރި މި މެޗު ބެލްޖިއަމް ކާމިޔާބުކުރީ 1-0 ންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ކެނެޑާއިންނެވެ. އެހެން ނަމަވެސް ކެނެޑާއަޑް ފުރުސަތުގެ ބޭނުންހިފާ ނަތީޖާ ނެރެވޭގޮތް ވަނީ ނުވެފައެވެ. ކެނެޑާއަށް ލިބުނު ފުރުސަތުތަކަށް ބަލާއިރު، މެޗުގެ 11 ވަނަ މިނެޓުގައި އެޓީމުގެ އަލްފަންސޯ ޑޭވިސްއަށް ލިބުނު ރަނުގެ ފުރުސަތު ފާހަގަކޮށްލެވެއެވެ. ބެލްޖިއަމްގެ އޭރިއާ ތެރެއިން ޔަނިކް ކްރަކާއޯ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ޖެހީ ޑޭވިސްއެވެ. ނަމަވެސް ޑޭވިސް ފޮނުވާލި ޕެނަލްޓީ, ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ ވަނީ މަތަކޮށްފައެވެ.

މި ފުރުސަތު ގެއްލި ކެނެޑާއަށް ލިބުނު ބޮޑު މާޔޫސްކަމުގެ ތެރެގައި ތިއްބާ ބެލްޖިއަމް އިން ވަނީ ލަނޑު ޖަހާ މެޗުގެ ކުރި ހޯދާފައެވެ. ބެލްޖިއަމްއިން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފު ނިމެނިކޮށް ހާފުގެ 44 ވަނަ މިނެޓުގައެވެ. ކެނެޑާ މުޅި ޓީމު ކުރިޔަށް އަރައި އޮތް ވަގުތު ބެލްޖިއަމުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެޓީމަށް ލަނޑު ޖަހައިދިނީ މިޗީ ބަޓްޝުއާއީއެވެ. މިއީ މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމަށް ލަނޑު ޖަހަން ލިބުނު ހަމަ އެކަނި ފުރުސަތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިއާއި ޚިލާފަށް މި ހާފުގައި ކެނެޑާއަށް ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުހިފުނެވެ.

ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅެފައިވަނީ ކެނެޑާއިނެވެ. އެގޮތުން އެ ހާފުގައި ގިނަ ފުރުސަތުތައް ވެސް ލިބުނީ ކެނެޑާއަށެވެ. އެހެން ނަމަވެސް މި ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބެލްޖިއަމްއަށެވެ. އެގޮތުން  ބެލްޖިއަމްއަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިން ބަޓްޝުއާއީއަށް ލިބުނު ފުރުސަތު ބޭކާރު ކޮށްލީ ކެނަޑާގެ ޑިފެންޑަރުންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައިި ވެސް ކެނަޑާއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް