ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއްގައި ހެދިގޮނޑުދޮށް ސަރަހައްދުގައި ކުޅެން އުޅުނު ކުދިންކޮޅެއް - ފައިލް ފޮޓޯ: ދުވަސް
ދުވަހުގެ މޫސުމުން އެންމެ ފުރަތަމަ މި ބަލައިލަނީ މިއަދުގެ
އިރު އޮއްސުމާއިހަމައަށް ރާއްޖެއަށް މެޓުން ލަފާކޮށްފައިވާ މޫސުމީ ތަފްސީލަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ
އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، އުތުރުގެ
ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
"ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ"
މެޓުން ބުނެފައިވެއެވެ.
މެދުރާއްޖެއާއި އުތުރުގައި ވައިގެ ބާރުމިން
ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގައި
ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 13 މޭލާއި 23 މޭލާއި
ދެމެދުގައެވެ.
"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު
ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގެ
ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް
ބުނެފައިވެއެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގައި
ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު އަދި އުތުރާއި މެދުރާއްޖޭގައި ފަސް ފޫޓާއި އަށް
ފޫޓާއި ދެމެދުގައެވެ.
ސަރަހައްދީ މޫސުން
މި ސަރަހައްދުގެ މޫސުމަށް ބަލައިލާއިރު އިންޑިއާގެ
މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން މިވަނީ މި ސަރަހައްދުގައި ހުރި ކޮޅިގަނޑުތަކުގެ
އެންމެ ފަހުގެ މައުލޫމާތު މިއަދު ހެނދުނު ހިއްސާކޮށްފައެވެ.
އެގޮތުން ހެނދުނު 09:04ގައި އިންޑިއާ މެޓުން
ބުނެފައިވަނީ އަރަބި ކަނޑުގައި ހުރި ޑިޕްރެޝަން ދަތުރުކުރަމުން އަންނަނީ އިރު
ދެކުނަށް ކަމަށެވެ. އެއީ ރާއްޖެއާއި ދުރަށެވެ. އިންޑިއާގެ ގޯއާ އަދި ކަރްނާޓަކާއާއި
ދިމާއަށެވެ. އެ ޑިޕްރެޝަން މިވަގުތު ހުރީ ލަކްޝަދްވީޕް (މަލިކަތޮޅު) އާއި ހުޅަނގު
އުތުރުން 340 ކިލޯމީޓަރު ބޭރުގައެވެ. ޑިޕްރެޝަންގެ ބާރު ދަށްވާކަމަށް ބުނެފައެއް
ނުވެއެވެ.
އިންޑިއާ މެޓުން ހިއްސާކޮށްފައިވާ ދެވަނަ
އަދާހަމައަކީ ބަންގާޅު ކަނޑާއި އަންޑަމަން ކަނޑު ގުޅުނު ހިސާބުގައި ހުރި
ކޮޅިގަނޑުގެ ބާރު ގަދަވެ އެ ކޮޅިގަނޑގެ ގިންތި ލޯ ޕްރެޝަރ އަކަށް ބަދަލުވި ބަދަލުވުމުގެ
އަދާހަމައެވެ. އެ ކޮޅިގަނޑު ދަތުރުކުރާނީ އިންޑިއާއާއި ދިމާއަށް ކަމަށް ލަފާކޮށްފައިވާއިރު
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވާނެ
ކަމަށް ލަފާކޮށްފައިވެއެވެ.
މި ހަފުތާ ބަންދު ރާއްޖޭގެ މޫސުން
މި ހަފްތާ
ބަންދަށް ރާއްޖޭގެ މެޓުން ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު ބުނެފައިވަނީ މިއަދު
އުތުރަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށާއި މިއަދު މެދުރާއްޖެއަށް ވައި
ގަދަވާނެ ކަމަށާއި އަދި ހަމަ އެހެންމެ މިއަދު ދެކުނަށް މޫސުން ރަނގަޅުވާނެ
ކަމަށެވެ.
މާދަމައާއިމެދު ބުނެފައިވަނީ މާދަމާ އުތުރަށާއި
މެދަށް ވައިގަދަވާނެ ކަމަށާއި ދެކުނަށް މާދަމާވެސް މޫސުން ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް