ދުވަހުގެ މޫސުން: އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއ...

15 Apr 2026 | 05:47
މާލެ ސަރަހައްދަށް މޫސުން ގޯސްވި ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް

މާލެ ސަރަހައްދަށް މޫސުން ގޯސްވި ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ނެރުނު ބުލެޓިންގައިވާ ގޮތުން، ދެކުނުގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރާ ގޮތަށް ބަލާއިރު، އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން އުތުރުގައި ހުންނާނީ އެއް ފޫޓާއި ތިން ފޫޓާ ދެމެދުގައެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް