ތޫފާން ދާނާ: މިރޭ ދަންވަރު ނޫނީ ފަތިހު އިންޑިއާއަށް އަރާނެކަމުގައި ބެލެވޭއިރު ތޫފާން މިހާރު ހުރީ ބާރުގަދަ ތޫފާނެއްގެ ގޮތުގައި

ބަންގާޅު ކަނޑުގައި އުފެދި މަޑު ސްޕީޑެއްގައި އިންޑިއާގެ އޮޑީޝާ އަދި ވެސްޓް ބެންގޯލްއާއި ދިމާއަށް ދަތުރުކުރަމުން އަންނަ ތޫފާން ދާނާގެ ބާރު، ބާރުގަދަ ތުފާނަކަށް ބަދަލުވެއްޖެއެވެ. ތޫފާނުގެ ބާރު، ބާރުގަދަ ...

24 Oct 2024 | 18:34

ބަންގާޅު ކަނޑުގައި އުފެދި މަޑު ސްޕީޑެއްގައި އިންޑިއާގެ އޮޑީޝާ އަދި ވެސްޓް ބެންގޯލްއާއި ދިމާއަށް ދަތުރުކުރަމުން އަންނަ ތޫފާން ދާނާގެ ބާރު، ބާރުގަދަ ތުފާނަކަށް ބަދަލުވެއްޖެއެވެ.

ތޫފާނުގެ ބާރު، ބާރުގަދަ ތޫފާނެއްގެ ދަރަޖައަށް ބަދަލުވެފައިވާއިރު އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން މިރޭ 08:30 ހާއިރު ބުނެފައިވާގޮތުގައި މި ތޫފާނުގެ ސްޕީޑް ހުރި ގޮތުން ތޫފާން އިންޑިއާއަށް އަރާނެ ކަމަށް ބެލެވެނީ މިރޭ ދަންވަރު ނޫނީ މިރޭ ފަތިހުގެ ވަގުތެއްގައެވެ. އިންޑިއާއަށް އަރާއިރުވެސް ތުފާން ހުންނާނީ ބާރުގަދަ ތޫފާނެއްގެ ދަރަޖައިގައިކަން ފާހަގަކޮށްފައިވެއެވެ.

ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ސަލާމަތީ ހިދުމަތްތަކުން އަންނަނީ ބިން ތިރި އަދި ތޫފާނުގެ ނުރައްކާ ބޮޑުވާނެކަމަށް ބެލެވޭ ސަރަހައްދުތަކުން މީހުން، ސަލާމަތީ އައްސޭރިތަކަށް ގެންދަމުންނެވެ.

އެގޮތުން މިހާތަނަށް ތިން ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން އިއްޔެއާއި މިއަދު ކުރި މަސައްކަތުން ސަލާމަތީ އައްސޭރިއަށް ގެންދެވިފައިވާކަމަށް ބުނެފައިވެއެވެ.

ގަދަ ވަޔާއި ބޯ ވިއްސާރަ ކުރާނެކަމަށް ފޯކާސްޓްކުރާއިރު ތޫފާން އިންޑިއާއާއި ހަމައަށް ފޯރާއިރު އާންމު ގޮތެއްގައި ވައިގެ ބާރުމިން ގަޑިއަކު 62 މޭލު ބާރުމިނުގައި އަދި ކޮޅިގަނޑުގައި ގަޑިއަކު 74 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައި ފޯކާސްޓްކޮށްފައިވެއެވެ.

މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން “ދާނާ” އެވެ. އިނގިރޭސި ބަހުން ނަމަ ކިޔާފައިވަނީ “Cyclone Dana” އެވެ.

މި ނަމަކީ މި ސަރަހައްދުގައި އުފެދޭ ތޫފާން ތަކަށް ކިޔުމަށް އެކުލަވާލާފައިވާ ނަން ލިސްޓަށް ޤަތަރުން ދީފައިވާ ނަމެކެވެ.

ބަންގާޅު ކަނޑު އަދި އަރަބި ކަނޑުގައި އުފެދޭ ތޫފާންތަކުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަމުންދެއެވެ. މި ތޫފާން އުފެދުނު އިރުވެސް އަދި ތޫފާނަކަށް ބަދަލުވާއިރުވެސް ހުންނާނީ ރާއްޖެއާއި ވަރަށް ދުރުގައި ކަމުން މި ތޫފާނުގެ ނުސީދާ އަސަރުވެސް ރާއްޖެއަށް ކޮށްފާނެ ކަމަކަށް ނުބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް