ތިލައުތުރު ރަންތާޖް ޤުރްއާން މުބާރާތް މިއަދު އެ އަތޮޅު އުތީމުގައި ފަށާނެއެވެ.
މި މުބާރާތަކީ ހއ. އަތޮޅު ކައުންސިލުން ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މި އަހަރު ހޯސްޓްކުރާ ރަށަކީ ހއ. އުތީމެވެ. އެ ރަށުގައި މި މުބާރާތް ހޯސްޓްކުރަނީ ހޯސްޓްކުރަން ހުޅުވާލި ފުރުސަތުގައި އުތީމުން ހުށަހެޅި ޕްރޮޕޯސަލް ހުށަހަޅައި އެކަން ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން މި މުބާރާތް ބާއްވާ ރަށް ކަމުގައިވާ އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މުބާރާތުގައި 13 ރަށަކުން 136 ބައިވެރިއަކު ބައިވެރިވެފައިވާކަމަށެވެ. އަދި މި މުބާރާތް މިއަދު އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ބައިވެރިވާ ރަށްރަށުން މިހާތަނަށް 300 އެއްހާ މީހުން އުތީމަށް ގޮސްފައިވާކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި މުބާރާތް ކުރިއަށްގެންދަނީ އުމުރުފުރާ ތަކަކަށް ބަހާލައިގެން އަދި އާންމުންނާއި ސްކޫލުކުދިންގެ ކެޓަގަރީވެސް ހިމެނޭހެންނެވެ. މިއަދާއި މާދަމާ ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ މި މަހުގެ 26 ވާ ހޮނިހިރު ދުވަހުގައެވެ. ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރެވެ.
އުތީމު ކައުންސިލް ރައީސް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް އަހުލުވެރިކުރުވައި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި އުފެއްދުން ކަމަށެވެ. އަދި ގައުމީ މުބާރާތަށް ތައްޔާރުވުމަކީވެސް މުބާރާތުގެ މަގްސަދެއްކަމުގައި ވިދާޅުވިއެވެ.
ވަނަ ވަނަ އަށް ދާ ފަރާތްތަކަށް ފާހަގަކޮށްލެވޭ އިނާމުތަކެއް ހުށަހަޅާފައިވާ މި މުބާރާތުގައި މުޅި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް މުބާރާތުގެ މެއިން ސްޕޮންސަރ ކަމުގައިވާ އަލްމަރުޚޫމް އުމަރު އާދަމްގެ ފަރާތުން 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް އަދި ކޯ ސްޕޮންސަރ، ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން އުމްރާ ދަތުރެއްވެސް ހުށަހަޅާފައިވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އަލްމަރުޚޫމް އުމަރު އާދަމްއެވެ. ކޯ ސްޕޮންސަރުންނަކީ ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕާއި، އެމްޕީއެލް އަދި އެސްޓީއޯ އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ޕްރިންޓިންގ ޕާޓްނަރަކީ އިންކްޑް އެވެ. މީގެ އިތުރުން ލައިވް ޕާޓްނަރަކީ ޔޫ ލައިވްއެވެ. އަދި މީޑިއާ ޕާޓްނަރަކީ ދުވަސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް