ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަހުން ނިންމެވި ނިންމެވުންތަކަކީ ހުދުމުހުތާރު ވެރިކަމަކަށް ސަރުކާރު މިސްރާބު ޖެހިކަމުގެ ރަނގަބީލުގެ ގޮތުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސިފަކުރައްވައިފިއެވެ.
އޭނާ މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ސަރުކާރުގެ ބޭކާރު އިސްރާފު ހަރަދުތައް ކުޑަނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިމަކީ،ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ހުދުމުހުތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހިކަމުގެ ރަނގަބީލު ކަމަށެވެ.
އަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައިވާއިރު ދައުލަތުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ސިޔާސީ ވެރިންނާއި ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކޮށް ރައީސުލްޖުމްހޫރިއްޔާ ނަންގަވަމުން ގެންދަވާ މުސާރައިން 50 އިންސައްތަ އުނިކުރަން ރައީސް ވަނީ ނިންމަވާފައެވެ. އަދި އެ ބަދަލުތަކަކީ ދެ އަހަރުގެ މުއްދަތަށް ގެނެވޭ ބަދަލުތަކެއް ކަމުގައިވެސް ރައީސް އިއްޔެ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް