ޕާކިސްތާނު-އަފްޣާނިސްތާން، ބޯޑަރު ހުރަސްކުރާ މީހުންގެ ޕާސްޕޯޓް ޗެކްކުރާތީ މައްސަލަ ހޫނުވެއްޖެ

ޕާކިސްތާނު-އަފްޣާނިސްތާން ބޯޑަރު ހުރަސްކުރުމަށް ސައްހަ ޕާސްޕޯޓާއި ވިސާ މަޖުބޫރު ކުރުމަށް ޕާކިސްތާން ސަރުކާރުން ނިންމުމުން މައްސަލަ ހޫނުވެ ކުރާމުންދާ މުޒާހަރާތަށް ވަރުގަދަވާން ފަށައިފިއެވެ. ބަލޫޗިސްތާނ...

24 Oct 2023 | 18:06

ޕާކިސްތާނު-އަފްޣާނިސްތާން ބޯޑަރު ހުރަސްކުރުމަށް ސައްހަ ޕާސްޕޯޓާއި ވިސާ މަޖުބޫރު ކުރުމަށް ޕާކިސްތާން ސަރުކާރުން ނިންމުމުން މައްސަލަ ހޫނުވެ ކުރާމުންދާ މުޒާހަރާތަށް ވަރުގަދަވާން ފަށައިފިއެވެ.

ބަލޫޗިސްތާނުގެ ޗަމަން ސިޓީގައި މަސައްކަތްތެރިންނާއި ސަޕޯޓަރުން އަދި ވިޔަފާރިވެރިންގެ އިއްތިހާދުގެ ގިނަ މެމްބަރުން ޖެހިޖެހިގެން ދެ ވަނަ ދުވަހު ވެސް މުޒާހަރާ ކުރިއަށް ގެންގޮސްފައިވާ ކަމަށް ޑޯން ނިއުސް އިން ރިޕޯޓްކުރެ އެވެ.

ޕާކިސްތާނުގެ ނިއުސް ޑެއިލީގައި ވާގޮތުން، ސައްހަ ޕާސްޕޯޓާއި ވިސާ އޮންނަ މީހުންނޫން އެހެންމީހުންނަށް ބޯޑަރު ހުރަސްކުރުން މަނާކުރަން ސަރުކާރުން ނިންމި ނިންމުމަށް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. އެއަށްފަހު ޕާކިސްތާނުގެ އައިޑެންޓިޓީ ކާޑެއް ނުވަތަ އަފްޣާނިސްތާނުގެ ޕާމިޓް (ތަޒްކީރާ) ބޭނުންކޮށްގެން ޕާކިސްތާން-އަފްޣާނިސްތާން ބޯޑަރު ހުރަސްކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނޯންނާނެއެވެ.

ސިޔާސީ މަސައްކަތްތެރިންނާއި، ސަޕޯޓަރުންނާއި، ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ހޮނިހިރު ދުވަހުގެ ރޭ ވަނީ ކުއެޓާ އާއި ކަންދަހާރު ގުޅުވައިދޭ މައި ހައިވޭ ބަންދުކޮށްފަ އެވެ. ނަމަވެސް ކޯލިޝަން ހަދާފައިވާ ހުރިހާ ޕާޓީތަކާއި، ވިޔަފާރިވެރިންގެ ޖަމިއްޔާތަކުގެ ލީޑަރުން ވަނީ ސަރުކާރުގެ ނިންމުން ދޮގުކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން މަގުމަތީގައި ކޭމްޕްތަކެއް ހަދައި، ޕާކިސްތާން-އަފްޣާނިސްތާން ބޯޑަރާ ދިމާލަށް ޓްރެފިކް ދަތުރުތަކަށް ހުރަސް އެޅުމުގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓް މުދާ އުފުލާ ޓްރަކާއި އެހެނިހެން އުޅަނދުތަކަށް ބުރޫ އަރާފައިވާ ކަމަށް ޑޯން ނިއުސް އިން ބުނެއެވެ.

އަދި ސަރުކާރުން ނިންމި ނިންމުން ބާތިލް ކުރެވެންދެން މުއްދަތެއް ނެތް ގޮތަށް މުޒާހަރާ ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް