ދިރާގުން ލޯންޗުކުރި މުޅިން އައު ޕްރޮމޯޝަނާއެކު ދިރާގު ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމަށް ރަނުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން މި ޕްރޮމޯޝަން އިއުލާނުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފެރެންސެއްގައެވެ.
ދިރާގުން ބުނާ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްއަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް ކަމަށް ދިރާގުން ފާހަގަކުރެއެވެ.
ހަމައެފަދައިން ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އަންނަ އަހަރު ޖެނުއަރީ 31ގެ ކުރިން ހުރިހާ ކަސްޓަމަރުންވެސް ރެޖިސްޓަރީ ކުރަން ޖެހިވަޑައިގަންނަވާނެ ކަމަށް ދިރާގުން ބުނެއެވެ.
"ދިރާގުގެ 35ވަނަ އަހަރު ފާހަގަ ކުރަމުންދާއިރު، މި ޙާއްސަ ޕްރޮމޯޝަންއާއެކު ކަސްޓަމަރުންނަށް މިފަދަ ޒަމާނީ، އިލެކްޓްރިކް ކާރެއް ހޯދުމުގެ ފުރުސަތު ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.
މިފަދަ ކުލަގަދަ އަހަރެއް ފާހަގަކުރަމުން ދާއިރު ދިރާގުން ބޭނުންވީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަހަލަ އިނާމެއް ދިނުމަށް ކަމަށް ހަސަން އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރަށް، މި އަގުހުރި އިނާމު ހޯދުމަށް ކަސްޓަމަރުންނަށް އިތުރު ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ އަންނަ މަހު 30 ގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް މި ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނައަށް ބޮޑުވެގެން ދާނެ ކަމަށް އިއުލާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް