ފެނަކައާއި ގުޅޭ 75 މައްސަލައެއް މިދަނީ ބަލަމުން – 20 މިލިޔަން އަނބުރާ ހޯދަން އަންގާފައިވާނެ: އޭސީސީ

ފެނަކަ ކޯޕަރޭޝަނާއި ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 20 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާނެ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. އޭސ...

24 Oct 2023 | 11:18

ފެނަކަ ކޯޕަރޭޝަނާއި ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 20 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާނެ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީ އިން މިހެން ބުނެފައިވަނީ މިއަދު އެ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އޭސީސީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިވަގުތުވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަޙުޤީޤުކުރަމުންގެންދާއިރު އެ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭކަމަށެވެ.

"މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީން ވަނީ އަންގައިފަ" އޭސީސީން ބުނެފައިވެއެވެ. އ

އެ ކޮމިޝަނުން ބުނެފައިވަނީ ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް، މިހާތަނަށް ވަނީ އެ ކުންފުންޏަށް އަންގާފައި ކަމަށާއި އެކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާޙުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި، ކުންފުނިން ބަލައި ތަޙްޤީގުކުރުމަށް 6 ކަމެއް މިހާތަނަށް އަންގާފައިވާނެ ކަމަށެވެ.

މީގެއިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ  ސަމާލުކަމަށް އެ ކޮމިޝަނުން ގެނެސްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް