މަޖިލިސް މެމްބަރުންގެ އެލަވަންސް ބޮޑުކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އެލަވަންސް ބޮޑުވާގޮތަށް އަންނަ އަހަރަށް މަޖިލިސް ބަޖެޓް ފާސްކޮށްފިއެވެ. މަޖިލީހުގެ އާއްމު ކޮމިޓީން ފާސް ކޮށްފައި ވަނީ 196.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަ...

24 Oct 2023 | 08:03

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އެލަވަންސް ބޮޑުވާގޮތަށް އަންނަ އަހަރަށް މަޖިލިސް ބަޖެޓް ފާސްކޮށްފިއެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން ފާސް ކޮށްފައި ވަނީ 196.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރި ކޮމިޓީން މަޖިލިސް އިދާރާގައި އެދިފައި ވަނީ، މެމްބަރުންގެ މުސާރަ ބޮޑުވާނެހެން ބަޖެޓް ފާސްކޮށްދޭށެވެ. އެ ކޮމިޓީން ފާހަގަ ކުރި ގޮތުގައި މަޖިލިސް މެމްބަރުންގެ މުސާރައިގެ ކުރިއެރުމެއް ނުލިބޭތާ މިހާރު 11 އަހަރު ވެއްޖެއެވެ.

މަޖިލިސް މެމްބަރުންގެ އަސާސީ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި، އެލަވަންސް ބޮޑުކުރަން ނިންމާފައި ވަނީ، އަސާސީ މުސާރަ ބޮޑުކޮށްފިނަމަ ޕެންޝަނާއި އިތުރުގަޑީގެ ރުފިޔާވެސް ބޮޑުކުރަން ޖެހޭނެތީއެވެ.

މަޖިލިސް މެމްބަރުންގެ އެލަވަންސް ބޮޑުކުރަން ހުށަހަޅާފައި ވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފިއެވެ.

މިކަން އިއުލާނު ކުރައްވަމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ކޯރަމް ހަމަވޭތޯ ބެލް ޖެހުމަށްފަހުވެސް ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ނިންމާލީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޯރަމަކީ 22 މެންބަރުންނެވެ. އެ މަޖިލީހުގެ އާއްމު ޖަލްސާއެއް ކުރިއަށް ގެންދެވޭނީ 22 މެންބަރުން ހަމަވާނަމައެވެ.

22 މެންބަރުން ހަމަނުވެގެން މިއަދުވެސް ޖަލްސާ ނިންމާލާފައިވާއިރު މިއީ މި ފަހަކަށް އައިސް ވަރަށް އާންމު ކަމަކަށްވެފައިވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންމިދާ 19 ވަނަ ދައުރުގެ މެންބަރުންގެ އަދަދަކީ 87 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް