އެއަރޕޯޓް ތެރެއިން ހުމޭދާއަށް ފެނިގެންދިޔައީ ނާޝިދެވެ. ނާޝިދުހުރީ ފްލައިޓާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ހުމޭދާ ނާޝިދަށް ޓާޓާ ކިޔާލުމަށްޓަކައި އަތްހޫރާލިއެވެ. ނަމަވެސް އެތަން ނާޝިދަށް ފެނުނުހެނެއް ހީއެއް ނުވެއެވެ. ނާޝިދު ފްލައިޓާއި ދިމާއަށް ބަލަހައްޓައިގެންހުރީއެވެ.
ޓްރެވެންޑްރަމްގެ އެއަރޕޯޓުން ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު ބޭރަށް ނުކުތްއިރު ކުރިން މަޝްވަރާކޮށްފައިވާ ގޮތުގެމަތިން ޢައިޝާ ބަލާ ހޮސްޕިޓަލުން އެމްބިއުލަންސް އައިސްއޮތެވެ. ސްޓްރެޗަރ އަށް ލައިގެން ޢައިޝާ އެމްބިއުލަންސަށް އެރުވުމަށްފަހު އަޒާން އާއި ޢާއިޝާގެ ބައްޕަ ނާޞިރާއި، މާލެއިންދިޔަ ނަރުސް އެރީ އެމްބިއުލަންސަށެވެ. ހަސީނާމެން ތިބުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ހިފައިފައިވާ އެޕާޓްމަންޓްގައި ކަމަށްވާތީ ޙަސީނާމެން ދިޔައީ އެމީހުންނާއި ޙަވާލުވާން އައިސްހުރި ދިވެއްސެއް ކަމުގައިވާ ނައުޝާދާ އެކުގައެވެ. ނައުޝާދަކީ ބޭސްފަރުވާ އަށް އިންޑިޔާއަށް ދާ ދިވެހީންނަށް ބޭސްފަރުވާގެ ކަންކަން އިންތިޒާމްކޮށްދިނުމަށްޓަކައި އިންޑިޔާގައި ދިރިއުޅެމުންދާ މީހެކެވެ. ހަސީނާމެން ދަތުރުކުރީ ވޭނެއްގައެވެ. ގާތްގަޑަކަށް ގަޑިއެއްހާއިރު ދަތުރުކުރުމަށްފަހު ވޭންގޮސް ހުއްޓާލީ ދެބުރިއަށް ހަދާފައިވާ ވަރަށް ރީތި ގެއެއްގެ ދޮށަށެވެ. އެގެއަކީ މީހުން ދިރިއުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި ވަކިން ހުރި ގެއެއް ކަމުގައިވިޔަސް ވަރަށް ރީތިކޮށް ފަރުމާކޮށްފައިވާ ކުޑަކުޑަ ގެއެވެ.
"މިވަގުތު ގޭގެ އިތުރު އެއްވެސް މީހަކު ނޫޅޭނެ... އެހެންވީމަ އިތުރު ބަޔަކު އަންނަންދެން މިދުވަސްކޮޅު މުޅިގެވެސް ބޭނުން ކުރެވިދާނެ..." ނައުޝާދު ވޭނުން ފައިބަމުން ބުނެލިއެވެ.
"މިހިސާބުން ނަވަލޯކާ ހޮސްޕިޓަލަށް ދެވޭނީ ކިހާއިރަކުންބާ....." ޚާލިދު ނައުޝާދާއި ސުވާލުކޮށްލިއެވެ.
"ކާރުގަދެވޭނެ ވިއްސަކަށް މިނިޓުން.... އެކަމަކު މިހެންގޮސް މެއިން ރޯޑަށް ނިކުމެގެން ދަންޏާ ދެވޭނީ ސާޅީހަކަށް މިނިޓްފަހުން... މެއިން ރޯޑްގައި ވަރަށް ޓްރެފިކް ގިނަވާނެ..... " މެއިން ރޯޑާއި ދިމާއަށް އިނގިލި ދިއްކޮލަމުން ނައުޝާދު ބުނެލިއެވެ.
"ކޮންމަގަމުން ދިޔައިމަ ދެން އަވަހަށް ދެވޭނީ... ؟" ޚާލިދު ނައުޝާދާއި ސުވާލުކޮށްލިއެވެ.
"މިހެންގޮސް ނިކުންނައިރު ފެންނާނެ ތަންކޮޅެއް ހަނިކޮން އޮންނަ ގޯޅިގަޑެއް.... އެގޯޅިއަށް ނިކުންނައިރު އޮޓޯތައް ދަތުރުކުރާތަން ފެންނާނެ... އެމީހުން ކައިރީގައި ބުނީމަ ގެންގޮސްދޭނެ... އެގޯޅިގަނޑުން ގޮސް ނުކުންނައިރު ފިހާރަތައްވެސް ހުންނާނެ... ބޭނުންވާ ހުރިހާ އެއްޗެއް އެހިސާބު ފިހާރުތަކުން ލިބެން ހުންނާނެ..... އެކަމަކު ރޭގަނޑު ތަނަކަށްދަންޏާ ރަނގަޅުވާނީ މެއިން ރޯޑުން ދިޔައިއްޔާ.... " ނައުޝާދު ކިޔާދިނެވެ.
"އެހެން ވިއްޔާ ރޭގަނޑު ޝޮޕިން ކޮށްލަން ޖެހިއްޖިޔާ ކޮންދިމާއަކަށް ދާންވީ...." ހަސީނާ ނައުޝާދު ކައިރީ އަހާލިއެވެ.
"އެގޯޅިގަނޑުގައި އެއްވެސް ލައިޓެއް އަދި ނުހުންނާނެ... އެހެންވީމަ އޮޓޯ ދުއްވާމީހުންވެސް ރޭގަނޑު އެގޯޅިގަނޑަކުން ދަތުރެއް ނުކުރާނެ.... ރޭގަނޑު ވިއްޔާ މިހެންގޮސް މެއިން ރޯޑަށް ނިކުމެގެން އޮޓޯއެއް ލިބޭނީ.... ގަންނަން ބޭނުންވާ އެއްޗެއް ބުނީމަ އެމީހުން ގެންގޮސްދޭނެ ބޭނުންވާ އެއްޗެއް ލިބެން ހުންނަ ހުރިހާ ފިހާރައަކަށްވެސް.... " ނައުޝާދު ބުނެލިއެވެ.
ގެނައި ހުރިހާއެއްޗެއް ވޭނުން ބަލައިގެން އެންމެން ގޭތެރެއަށް ވަނެވެ. ބޭރުން ފެންނައިރު ކުޑަކުޑަ ގެއެއްހެން ފެނުނު ކަމުގައިވިޔަސް ގެއަކީ ބޮޑު ގެއެވެ. ބޮޑު ބިމެއްގެ މެދުގައި ހަދާފައިހުރި ގެއެކެވެ. ދަގަނޑު ގޭޓެއް ހަރުކޮށްފައިހުރި އެގޭގެ ގޯތިތެރެއަށް ވަންނައިރު ގޯތިތެރޭގައިހުރީ ބޮޑެތިގަސްތައް ހައްދާފައެވެ. ގަސްތަކުގެ ދަށުގައި އިށީނުމަށްޓަކައި ސިމެންތިން އެކި ފަރުމާތަކަށް ގޮނޑިތައް ހަދާފައިހުއްޓެވެ. ގޭގެތެރެއަށް ވަނުމަށްފަހު ގޭގެ އެތެރޭން އަނެއްފަރާތަށް ނުކުމެވޭ ގޮތަށްވެސް ދޮރެއް ހުއްޓެވެ. އެދޮރުން ނުކުމެވެނީ ތަފާތު ރީތި މާގަސްތައް އިންދާފައިއޮތް ބަގީޗާއަކަށެވެ. މާލެއިން ނުފެންނަ އެތައް ވައްތަރެއްގެ މާމެލާމެލި އެބަގީޗާގައި ހައްދާފައިހުއްޓެވެ. އެއްފަރާތުގައި ބޮޑު ސުވިމިންޕޫލެއް އޮތެވެ. އަނެއް ފަރާތުގައި ހިޔާކޮށްފައިވާ ބައިގައި ބިލިއަރޑް މޭޒެއް ހުއްޓެވެ. ތަފާތު ކުލަކުލައިން ފޮޅިފައިވާ މާތަކުން އެތަން ވަރަށް ރީއްޗެވެ.
"މަތީ ފްލޯގައި ހުންނާނީ ހަތަރު ކޮޓަރި.... ތިރީބައިގައި މިހިރީ ތިން ކޮޓަރި.... ތިކޮޅުން ބުނެފައޮތީ ހަތަރު ކޮޓަރީގެ ވާހަކަ... އެހެންވީމަ މަތީބައި ހަމަޖައްސާފައި ހުންނާނީ.... އެކަމަކު ތިރީގައިވެސް މިވަގުތު މީހަކު ނޫޅޭތީ މުޅިގެ އެކީ ބޭނުންކުރެވިދާނެ.... މި ކޮޓަރީގައި އުޅޭނެ މިގޭގައި ގެންގުޅޭ މީހާ.... ހުރިހާ ތަނެއް ސާފުކޮށް ގެއަށް ބޭނުންވާ ތަކެތި ގަނެ ކައްކާ ހަދާނީ އޭނަ.... ވަކި އެއްޗެއް ކާން ބޭނުމިއްޔާ އޭނަކައިރީގައި ބުނީމަ އެކަންވެސް ހަމަޖައްސައިދޭނެ... އެއީ ކުރިން މާލޭގެ ގެއެއްގައި މަސައްކަތްކޮށްފަހުރި މީހެއް..... ވަރަށް ބޮޑަށް ދިވެހި އިނގޭނެ..." ނައުޝާދު ގޭގެ ކަންކަން އޮޅުން ފިލުވައިދިނެވެ.
"މިވަގުތަށް ހަތަރު ކޮޓަރި ބޭނުންވަނީ... އެހެންވީމަ މަތީހުރި ހަތަރު ކޮޓަރި ނަގާނީ... އޯކޭވާނެ އެއްނު.... ޚާލިދު، ހަސީނާއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"އާނ... މިގޭގައި އުޅޭ މީހާއަށް ކިޔާނީ ލަކްޝަމީ..... ހީވަނީ މިހާރު އޭނަވީ ގެޔަށް ބޭނުންވާ ތަކެތި ގަންނަން ފިހާރައަށް ގޮސްހެން.... ކަމެއް ބޭނުންވެއްޖިޔާ އަހަންނަށް ގުޅާލާ.... ދެން މިދަނީ ހޮސްޕިޓަލްގެ ކަންތައްތައް ދާގޮތެއް ބަލާލަން އެދިމާއަށް...." ނައުޝާދު އޭނާގެ ބިޒްނަސް ކާޑު ދިއްކޮލަމުން ޚާލިދަށް ބުނެލިއެވެ.
ޢާއިޝާ ހޮސްޕިޓަލަށް ގެންދިޔުމާއެކު ވެއްދީ އެމެޖެންސީ ރޫމަށެވެ. ހަމަ އެވަގުތު ޑޮކްޓަރުންގެ ޓީމެއް އައިސް ޢާއިޝާ ވަރަށް ރަނގަޅަށް ބެލުމަށްފަހު ޓެސްޓްތަކެއް ހެދިއެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބުނުއިރު މާތް ﷲ ގެ އިރާދަފުޅުން ޢާއިޝާގެ ބޮލަކަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނެތެވެ. އެހެން ނަމަވެސް ކުޑަ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ޑޮކްޓަރވަނީ ބުނެފައެވެ. ސިކުނޑިއަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނެތް ކަމަށް ޑޮކްޓަރ ބުނެފައިވާތީ ޢާއިޝާގެ މަންމަ ޒާހިރާ އާއި ބައްޕަ ނާޞިރަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިފައިވެއެވެ. އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިއޮތީ ބޭރުފުށުން ބޮލަށް ލިބިފައިހުރި ޒަޚަމްތައް ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން ތިން ދުވަސްފަހުންނެވެ. ޢާއިޝާގެ ބޮލަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަމުގެ ޚަބަރު ލިބުމުން ހަސީނާ އާއި ޚާލިދުވެސް މާތް ﷲ ގެ ހަޟްރަތަށް ދުޢާ ކުރިއެވެ.
"ނަޞީބެއްނު އެމަންޖެއަށް މާބޮޑު ކަމެއް ނުވިކަން.... " ޙަސީނާ ސޯފާގައި އިށީންނަމުން ޚާލިދުއާއި ދިމާއަށް ބަލާލާފައި ބުނެލިއެވެ.
"އާން.... އެމަންޖެއަށް ވީގޮތެއް މާލެއަކުން ނޭނގުނު.... މި ކޮޅަށް ގެނެވުނުކަން ހަމަ ނަޞީބު... ދެން އުޅެންވީ ހުމޭދާ ދައްކާލާނެ ރަނގަޅު މީހަކު ހޯދަން... އަޒާން ބުނި މިކޮޅުގައި ވަރަށް ރަނގަޅު މީހަކު ހުންނާނެއޭ... " ހުމޭދާ އާއި ދިމާއަށް ބަލާލަމުން ޚާލިދު ބުނެލިއެވެ.
"މިކޮޅަށް އައިމަ ކުރިން އެހުރި ބޮލުގައި ރިހުންގަނޑު އެކީ ގޮއްސި.... އިރާދަކުރެއްވިއްޔާ މިދެން ރަނގަޅުވީ ކަންނޭގެ...." އިތުރަށް ގޯސް ނުވަންޏާ ދެން ދައްކާނެ ކަމެއް ނެތެއްނު..... " ހުމޭދާވެސް އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.
"ނޫނޭ.... ދައްކާލަންވާނެ..... އޭރުން ތިވާގޮތެއް އެނގޭނީ... ޤާދިރު ބުނި އެއްޗަކުން މަންމަމެން މިތިބީ ވަރަށް ބިރުން... އެބުނާ މީހަކަށް ދައްކަންވާނީ... " ހަސީނާ ޚާލިދާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"ގެއަށް އައިމަގުމަތީ ތިކަމާ މީހަކާ ވާހަކަ ދައްކާލާފަ މިއައީ.... މިތާ ކައިރީ އޮންނަ އަވަށް ގަނޑެއްގައި އެކަހަލަ ކަންކަމަށް ވަރަށް މޮޅު މީހަކު އިނދެޔޯ.... ވަރަށްގިނަ ދިވެހީންނަށްވެސް އޭނަ ފަރުވާ ކޮށްދީގެން ރަނގަޅުކޮށްފަ އެބަހުއްޓޯ.... މާދަމާ އެމީހާ ކައިރިއަށް ދަމާ.... މިއައީ އޭނަގެ ފޯނު ނަންބަރުވެސް ހޯދާލައިގެން.... " އަޒާން އެތެރެއަށް ވަންނަމުން ބުންޏެވެ.
"ކޮބާ މިހާރު ޢައިޝާގެ ޙާލަކީ... ކާކު ހޮސްޕިޓަލުގައި އިނީ.... " ޚާލިދު ސުވާލުކޮށްލިއެވެ.
"ޑޮކްޓަރ ބުނަނީ މާބޮޑު ސީރިއަސް ކަމެއް ނެތޯ.... އެކަމަކު ކުޑަ އޮޕަރޭޝަނެއް ކޮށްލަން ޖެހެޔޯ... މިހާރު ކުޑަކޮށް ލޯހުޅުވާލާހަދާ... އެކަމަކު އަދި ވާހަކައެއް ނުދެއްކޭ..... ބައްޕަ ހޮސްޕިޓަލުގައި ބައިންދާފައި މިއައީ.... މަންމަވެސް މިހާރު އެބައާދޭ... " އަޒާން ސޯފާގައި އިށީންނަމުން ބުނެލިއެވެ.
އިރުއޮއްސެން ގާތްވަނީއެވެ. ހަވީރުގެ އެ ހިތްފަސޭހަ ވަގުތު ގޭގެ އެތެރެފަރާތުން ބޭރުގައި ހުރި ތަފާތު މާގަސްތަކުގައި ފޮޅިފައިވާ މާމެލާމެލީގެ މީރުވަހުން މުޅި ޖައްވުވަނީ އެއްވަސް ކުރުވާފައެވެ. ހުމޭދާ އިށީނދެލައިގެން އިނީ ގަސްތައް ކައިރީގައި ބަހައްޓާފައިހުރި ބޮޑު ގޮނޑިއެއްގައެވެ. ގަސްތަކުގައި ފޮޅިފައިވާ ތަފާތު ކުލަކުލައިގެ މާތަކާއި ދިމާއަށް ބަލަހައްޓައިގެން ހުމޭދާއިނީ ނާޝިދާ އާއި ދޭތެރޭ ވިސްނާށެވެ. އެވަގުތު ހުމޭދާއަށް ހީވީ ފަހަތުން ކަންފަތް ދޮށަށް މީހަކު ފުމެލި ހެންނެވެ. ހުމޭދާ ސިހިފައި ފަހަތް ބަލާލިއެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، 26 އޮކްޓޯބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް