ރާއްޖެއިން ކޮޅު ބަދަލު ކުރީ އިންޑިއާއިން އެދިގެން ކަމަށް ބެލެވޭ، ފައިދާ ވާނީ އެގައުމަށް: ޑރ. މުނައްވަރު

ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމުގެ މައްސަލައިގަ އެ ގައުމާއި އެއްކޮޅަށް ރާއްޖެއިން ކުއްލިއަކަށް އެރީ އިންޑިއާއިން އެދިގެން ކަމަށް ބެލެވޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރ...

24 Oct 2022 | 16:44

ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމުގެ މައްސަލައިގަ އެ ގައުމާއި އެއްކޮޅަށް ރާއްޖެއިން ކުއްލިއަކަށް އެރީ އިންޑިއާއިން އެދިގެން ކަމަށް ބެލެވޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މި މައްސަލައިގަ އިދިކޮޅާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ރާއްޖެއިން ކޮޅު ބަދަލު ކުރުމަކީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް އެ ގައުމަށް ދިނުން ކަމަށެވެ. އަދި މިފަދަ ނިންމުމެއް ސަރުކާރަށް އަމިއްލައަށް ނުނިންމޭނެ ކަމަށާއި މަޖިލީހުގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ދަނީ ބުނަމުންނެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުނައްވަރު ވިދާޅުވީ މި ސަރުކާރުން ކުއްލި ގޮތަކަށް ކޮޅު ބަދަލުކުރަން ނިންމި ސަބަބެއް ގޮތުގައި ބެލެވެނީ އިންޑިއާ އިން ބޭނުންވެގެން ކަމަށެވެ. އޭނާ ވިދާޅުވީ މޮރިޝަސް މައްސަލައިގައި ރާއްޖޭގެ ނިންމުން ބަދަލު ކުރުމުގެ ފައިދާ ކުރާނީ އިންޑިއާ އަށް ކަމަށެވެ.

މުނައްވަރު ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގައި ހަނިމާދޫ އާއި އުތުރުތިލަފަޅާއި އައްޑޫ އަތޮޅުގައި އިންޑިއާ ބޭނުންވާ ގޮތަށް އޮތީ އަތް ގަދަ ކުރެވިފައި އެވެ. އެެހެންވެ ދެން އެމީހުން ބޭނުންވާނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޮސް ކަމަށް ވިދާޅުވި އެވެ.

ޑރ. މުނައްވަރު ވިދާޅުވީ ޗާގޮސް މޮރިޝަސް ބައެއްގެ ގޮތުގައި އޮތުމަށް އިންޑިއާއިން ބޭނުންވަނީ އެ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި އިންޑިއާގެ ކޮންޓްރޯލް މޮރިޝަސްގައި އޮތް މިންވަރަށް އިތުރު ކުރުމަށެވެ. އަދި އެތަން މޮރިޝަސްއަށް ލިބުމުން މުޅި އިންޑިއާ ކަނޑުގެ ކޮންޓްރޯލް އިންޑިއާއަށް ލިބުނީ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ކަނޑުގެ ކޮންޓްރޯލް ލިބުމުން ޗައިނާއަށް ވެސް ވެސްޓަން އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ ބައްރަށް ކަނޑުމަގުން ދަތުރު ކުރެވޭނީ އިންޑިއާގެ ހުއްދަ ލިބިގެން ކަމަށެވެ. އެހެން ކަމުން ރާއްޖެ އުފެދިފައި އޮތް ތަނުން ލިބިފައިވާ ހުރިހާ ސްޓްރެޓެޖިކް ފައިދާތައް ގެއްލޭނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

އޭނާވަނީ ރާއްޖެއިން ވަކާލާތު ކުރަމުން އައި ގޮތް ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައި ސަރުކާރުން ދެއްކި ވާހަކަތަށް ޖޯކު ޖައްސަވާފައި އެވެ. އޭނާ ވިދާޅުވީ އެ ވާހަކަތަކުން އެނގެނީ ސަރުކާރަށް ދުނިޔެ ހިނގާ ގޮތް ނޭނގުން ނުވަތަ ތަންދޮރު ވެސް ނުފިލާވަރު ކަމެވެ.

އެ ސިޓީ ފޮނުވުން ދިފާއުކޮށް ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި ހިންގުމާއި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމަށް ބުނުމަކީ ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ދިވެހި ސަރުކާރުން ބުނަމުން ދިޔައީ ޗާގޮސް އަކީ އިނގިރޭސިވިލާތުގެ މިލްކުވެރުކަން އޮތް ތަނެއް ކަމުން މޮރިޝަސްއަށް މި މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަނޭޅޭނެ ކަމަށެވެ. އެކަމަކު މިހާރު ސަރުކާރުން ވަނީ ކޮޅު ބަދަލުކޮށް މޮރިޝަސްގެ ބައެއްގެ ގޮތުގައި ޗާގޮސް އޮތުމަށް ތާއީދުކޮށްފައި އެވެ.

ސަރުކާރުން ބުނެފައިވަނީ އެއީ އިންވަކި ކުރުމާއި ތަފާތު މައްސަލައެއް ކަމަށެވެ. އަދި އިންވަކި ކުރުމުގެ މައްސަލައިގަ ސަރުކާރުން ދޫނުދޭނެ ކަމަށާއި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން އެންމެ ތަންކޮޅެއް ދޫވިޔަ ނުދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް