ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކެއިފް ވެސް މިހާރު އެންމެ ބޭނުން ވަނީ ދެކުނުގެ (ސައުތު) ފިލްމުތައް ކުޅެން ކަމަށް އޭނާ ބުނެފިއެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާރު ގިނަ މީހުންގެ ފަރާތުން އެންމެ ހޫނު ތަރުހީބެއް ލިބެމުން އަންނަނީ ދެކުނު އިންޑިއަން ފިލްމުތަކަށެވެ. އެކަމުގެ ސަބަބުން ބޮލީވުޑްގެ ފުންނާބު އުސް ބައެއް ތަރިން ވެސް މިހާރު ދެކުނުގެ ފިލްމު އިންޑަސްޓްރީއާ ދަނީ ގުޅެމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ސަލްމާން ޚާންއާއި ސަންޖޭ ދަތު ވެސް ހިމެނެއެވެ.
އެގޮތުން މިހާރު އިންޑިއާގައި އެންމެ ހޫނު ތަރުހީބެއް ލިބެމުން އަންނަނީ ދުނިޔޭގެ ރީތީގެ ރާނީކަމުގެ ލަގަބު ހޯދާފައިވާ އައިޝްވާރްޔާ ރާއީ ބަޗަން ކުޅެފައިވާ ދެކުނުގެ ފިލްމު "ޕޮއްނިޔިން ސެލްވަން 1" އަށެވެ. މި ފިލްމަށް މިހާރު ވެސް 475 ކްރޯޑް ރުޕީސް ތިއޭޓަރުތަކުން ލިބުމާ ގާތް ކޮށްފިކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެ ފިލްމަށް ތައުރީފު ކުރަމުން ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ އޭނާގެ ދެކުނުގެ ފިލްމެއް ވަރަށް ބޮޑަށް ކުޅޭ ހިތްވާ ކަމަށާއި ރަނގަޅު ސްކްރިޕްޓަކާއި ޑައިރެކްޓަރެއް ލިބިއްޖެނަމަ ދެކުނުގެ ފިލްމެއް ކުޅޭނެ ކަމަށެވެ. އަދި ޓަމިލް ބަހަކީ ވެސް އޭނާއަށް ދަސްކުރަން އެއްވެސް އުނދަގޫ ބަހަކަށް ނުވާނެ ކަމަށް ވެސް ކެޓްރީނާ ބުނެފައިވެއެވެ.
ކެޓްރީނާ ދެން އެންމެ އަވަހަށް ފެނުމާ ގާތީ ހޮރޯ ކޮމެޑީއެއް ކަމަށްވާ "ފޯން ބޫތު" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް