ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސް އިން ކަރަންޓު ކަނޑާލުމުން އެކަމާ ނުރުހުން ފާޅުކޮށް އެފްއޭއެމްއިން ނެރުނު ބަޔާނަށް ސްޓެލްކޯއިން ރައްދު ދީފިއެވެ.
އެފްއޭއެމްގެ އެ ބަޔާނަށް ރައްދު ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފެވެ.
އެ ރައްދު އެމްޑީ ޝަރީފް ދެއްވީ ވ. އަތޮޅާއި ކ. އަތޮޅުގެ ރަށްތަކުގެ މަގު ބައްތި ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީ ޝަރީފް ވިދާޅުވީ ކަރަންޓު ކަނޑާލީކީ އިހްލާސްތެރި ނިޔަތެއް ނެތިގެން ނޫންކަމަށެވެ. އަދި 6.5 މިލިޔަން ކަރަންޓު ބިލަށް އަރަންދެން ތިބީ ކީއްކުރަންތޯ އެމްޑީ ސުވާލު އުފެއްދެވިއެވެ.
"އަވަހަށް ފައިސާ ދައްކަވާ، ބަޔާންތައް ނެރުއްވާނެކަމެއްނެތޭ، ރައްދު ދީ ބަޔާން ނެރެ ރައްދު ދޭކަށް ބޭނުމެއް ނޫން، ފައިސާ ހަލާސްކުރައްވާ، ކަރަންޓު ދޭނަން" އެމްޑީ ވިދާޅުވިއެވެ.
އިއްޔެ އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލާފައިވާއިރު އެފްއޭއެމްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިލަށް އެ ވަރު އަރާފައިވަނީ ހަމަ އެކަނި އެފްއޭއެމްއިން ބޭނުންކޮށްގެން ނޫންކަމަށެވެ. ކޮވިޑް ފެސިލީޓީއެއްގެ ގޮތުގައިބޭނުންކުރި އިރު ސަރުކާރުންވެސް އެ ފައިސާ ދައްކާފައިނުވާކަމަށެވެ. ސްކައުޓް އެސޯސިއޭޝަނުންވެސް އެ އިމާރާތް ބޭނުންކުރި ކަމަށާއި އެ މުއްދަތުތަކުގެ ފައިސާވެސް ދައްކާފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް