މިހާރު ޤާނޫނީ ވަކީލު ކަމުގެ ވަގުތީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބާ އިމްތިހާނު ނުހަދައި ޤާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ލިބުމުގެ މަގު ފަހިވެއްޖެ އެވެ.
މި މަގު އެފަރާތްތަކަށް ފަހިވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު (ނަންބަރު: 2019/5) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރެއްވުމުން ނެވެ.
މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 19 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙު ތަކުގެ ތެރޭގައި ހިމެނެނީ، ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާކައުންސިލުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމެވެ. އަދި ބާކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުމާއި، ޤާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާއި ގުޅޭ އިސްލާޙް ތަކެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ރ) އަދި (ބ) އާއި، 1-31 ވަނަ މާއްދާގެ (ބ) އުނިކޮށް، މިޤާނޫނުގެ 53 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް ވަނީ އިތުރުކުރެވިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް