ޗާގޮސްގެ ސިޔާދަތު މޮރިޝަސްއަށް ދިނުމާއި މެދު ރާއްޖެއިން ކޮޅު ބަދަލު ކުރުމަކީ ގައުމުގެ އިމުން ބައެއް ދޫކޮށްލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދު މަޖިލީހުގެ ޖަލްސާއަށް ވަނީ ޗާގޮސް މައްސަލައިގަ ކުއްލި މައްސަލައެއް ހުށަހަޅާފައި އެވެ. އެ މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
ނަޝީދު ވިދާޅުވީ2010 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގައި ޗާގޮސް ހިމެނޭ ސަރަހައްދަކީ ރާއްޖޭގެ ބައެއް ކަމަށް އިނގިރޭސިވިލާތުގެ ކަމާއި ބެހޭ ފަރާތްތަކާއި އެކު ކުރި މަޝްވަރާތަކެއްގައި ފާހަގަ ކޮށްފައިވާނެ ކަމަށެވެ. އަދި ގަބޫލު ކުރައްވަނީ ޗާގޮސް އާއި ފޯޅަވަހި އަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މޮރިޝަސް އިން ޗާގޮސްގެ ސިޔާދަތު ހޯދަން ކުރާ މަސައްކަތުގައި އަބަދުވެސް ރާއްޖެ ވަކާލާތު ކުރީ އެ ގައުމާއި ދެކޮޅަށް ކަމަށެވެ. ކުރީގެ ހުރިހާ ސަރުކާރުތަކާއި މި ސަރުކާރުންވެސް ފުރަތަމަ ވަަކާލާތު ކުރީ މޮރިޝަސް އާއި ދެކޮޅަށް ކަމަށާއި ކުއްލިއަކަށް ކޮޅު ބަދަލު ކުރުމަކީ ކީއްވެ ނިންމި ނިންމުމެއްތޯ ސާފުވާން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ނަމެއްގައިވެސް މި މައްސަލައިގަ މޮރިޝަސްއަށް ވޯޓު ދިނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމެނޭހެން އިމުން ބައެއް ދިނުން ނޫން ކަމަށް ނުވާނެ ކަމަށެވެ.
މި މައްސަލައިގަ ސަރުކާރުން ވަނީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރަށް ރާއްޖެއިން ތާއީދުކުރަން ނިންމުމާއި ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުގެ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. ރާއްޖޭން ވިސްނުން ބަދަލުކުރީ ޗާގޮސްގެ މިނިވަންކަމާ މެދުގައި ކަަމަށާއި އިމުގެ މައްސަލާގައި އަދިވެސް ވިސްނުން ހުރީ ކުރިން އޮތް ގޮތަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް