މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު ގައުމީ މައްސަލަ އަކީ ފޯޅަވަނީގެ މައްސަލަ ކަމަށާއި ރާއްޖޭގެ އެންމެމަތީ މަސްލަހަތު އޮތް މަސްލަހަތު ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޯއައިސީގެ ނައިބު ރައީސް ކަންވެސް ކުރައްވާ ދުންޔާ ވިދާޅުވީ އެއީ ދިވެހިން އެކަމަކާ، އެންމެކަންބޮޑުވާންޖެހޭ މައްސަލަ ކަމަށާއި މިއީ ރާއްޖޭގެ ސަރަހައްދުން ބައެއް އެހެން ގައުމެއްގެ ބާރުގެ ދަށަށް ދޫކޮށްލަން ނިންމި، ނިންމުމެއްކަމަށެވެ. އަދި އެ މައްސަލައިގާ ރާއްޖޭގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ކުރިއެރުވުމަށް ދިވެހިސަރުކާރުން ނިންމި، ނިންމުން އަނބުރާ ގެނައުމަށް ސަރުކާރަށް ގޮވައިލައްވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުން ސަރުކާރަށް ލާޒިމުކުރާ ވާޖިބުތައް އަދާކުރުމަށް ވެސް ގޮވާލައްވާ ދުންޔާ ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ބޮޑުބައެއް މޮރިޝަސްއަށް ދިނުމަށް އެމްޑީޕީ ސަރުކާރުން އިހަށްދުވަހު ނިންމި، ނިންމުމަކީ އެޕާޓީން މިފަދަ ނިންމުމެއް ނިންމި ދެވަނަ ފަހަރު ކަމަށެވެ.
އެގޮތުން އެޕާޓީގެ ވެރިކަމުގައި 2010 ވަނަ އަހަރުވެސް ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ އިސްމުވައްޒަފުންނަށް އެންގުމަކާނުލައި، އެފަދަ ނިންމުމެއް އެމްޑީޕީގެ ވަޒީރަކު ނިންމި ކަމަށާއި އެ ނިންމުމަށް އެފަހަރު އަމަލު ނުކުރެވުނީ ވަރަށް ކެރޭ، ހުޝިޔާރު ދިވެހި ޑިޕްލެމެޓުންތަކެއް އެކަމަށް ހުރަސް އެޅުމުން ކަމަށް ދުންޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ދުންޔާ ވިދާޅުވެފައިވަނީ ދިވެހިސަރުކާރުގެ އެ ނިންމެވުމަކީ ދިވެހިގައުމަށް ކުރެވޭ ވަރަށްބޮޑު ޚިޔާނާތެއް ކަމަށާއި އެ ސަރަހައްދަކީ ކަނޑުއަޑީގެ މުއްސަނދިކަން އިންތިހާއަށް ފުޅާ، މަސްވެރިކަން ވެސް ތިޔާގި ސަރަހައްދެއް ކަމަށެވެ.
" އެސަރަހައްދު ރާއްޖޭގެ ބާރުގެދަށުން ބީވެގެންދާގޮތަށް ނިންމާ، ކޮންމެ ނިންމުމަކީ ދިވެހި އުންމަތަށް ދެވޭ ގެއްލުމެއް. ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ހިމާޔަތްކުރުމަށް ކުރި ވައުދާއި ހުވަޔާ ޚިލާފު ކަމެއް. އެކަމުގެ ޒިންމާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރާއި ބަންޑާރަ ނައިބު ނަންގަވަން ޖެހޭނެ." ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ މި ނިންމުމަކީ ގާނޫނީ ކަމެކޭ ބުނެ، ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރަށް މިކަމުން ނުރެކެވޭނެ ކަމަށާއި ރާއްޖޭގެ މަސްލަހަތު ބޭރުދުނިޔޭގައި ކުރިއަރުވައި ހިމާޔަތްކުރުމުގެ ޒިންމާ ހަވާލުވެފައިވަނީ ޚާރިޖީ ވަޒީރާ ކަމަށެވެ. އެހެންވެ، މި މައްސަލައިގާ އޭނާގެ ޒިންމާ ފުރިހަމައަށް އަދާކުރިތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ކަމަށާއި އަދި ދިވެހި ޚާރިޖިއްޔާގައި ތިބި ތަޖުރިބާކާރުންގެ ލަފާ ހޯދިތޯ ނުވަތަ ނޫންތޯ ވެސް ބަލަންޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެމަތީ ގައުމީ މަސްލަހަތު، އެހެންގައުމަކަށް މުޅީން ހިލޭ ދޭން ނިންމިއިރު، ރާއްޖޭގެ ހުށިޔާރު ޑިޕްލެމެޓުން އެކަމާ ދެކޮޅުހެދިކަން، ދިވެހި ހުރިހައި ރައްޔިތުންނަށް އެނގި ހާމަވާން ޖެހޭ ކަމަށާއި ނުވަތަ އެފަދަ ޚިޔާލުތަކަށް އޮންނަ ފުރުސަތު މިހާރުވަނީ އެކީބަންދުކޮށްފަކަން ވެސް އެނގި ހާމަވާން ޖެހޭ ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދުންޔާ ވަނީ ފޯޅަވަހީގެ މައްސަލައިގާ އެހެންގައުމެއްގެ މަސްލަހަތު ކުރިއެރުވުމަށް ސަރުކާރުން ނިންމި، ނިންމުން އަނބުރާ ގެނައުމަށް ވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް