ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން މަތިންދާ ބޯޓުގައި ދިގު ދަތުރުތައް ކުރުން މަޑުޖައްސާލަން ޑޮކްޓަރުން ލަފާ ދީފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މުހައްމަދުގެ ކަންފަތުގެ ހިންދޫރައިގެ ފަހަތުގައި ކޮންމެސް މައްސަލައެއް އުޅެ އެވެ. އެއީ ދިގު ދަތުރުތަކެއް، މާބޮޑު ބްރޭކެއް ނެތި ކުރައްވާތީ ދިމާވެފައިވާ މައްސަލައެއް ކަމަށް މުހައްމަދުގެ ޑޮކްޓަރުންގެ ޓީމުން ބުނެފައިވާ ކަމަށެވެ.
ޑޮކްޓަރުންގެ މި ލަފައާއިގުޅިގެން އަލްޖީރިއާގައި ފެށުމަށް ހަމަޖެހިފައިވާ އަރަބް ސަމިޓަށް މުހައްމަދު ވަޑައި ނުގަންނަވާނެ ކަން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ވަނީ އިއުލާނު ކުރައްވާފައި އެވެ. މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ފުރަތަމަ ދެ ދުވަހު އެވެ.
އޭނާގެ ބަދަލުގަިއ ސައުދީން މި ސަމިޓުގައި ބައިވެރިވެވަޑައިގެންނަވާ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން ވަނީ ހަމަޖައްސާފަ އެވެ.
ރަސްގެފާނު ސަލްމާން ވިދާޅުވީ ވަލީއަހުދު އެ ސަމިޓުގައި ބައިވެރިވެވަޑައިނުގެންނެވިޔަސް ކުރިން ސައުދީ އެއްބަސްވެފައިވާ ކަންކަމާއި ނިންމުންތަކަށް ބަދަލު ނުގެންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް