ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް ރާއްޖެއިން ވޯޓު ދިނުމަކުން، އިމާ ގުޅޭ މައްސަލައަކަށް އަސަރެއްނުކުރާނެ: ސަރުކާރު

އައި.ސީ.ޖޭ. ގެ ނިންމުން ތަންފީޛުކޮށް ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓު ލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް ...

24 Oct 2022 | 02:59

އައި.ސީ.ޖޭ. ގެ ނިންމުން ތަންފީޛުކޮށް ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓު ލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެކަމުގައި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ރޭ ދަންވަރު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެއްކަމަށާއި އެހެންނަމަވެސް 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އަދި އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށްކަން ފާހަގަކޮށްފައިވެއެވެ.

"ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ޤައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް،  ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަންދީގެންނެވެ. މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް މުހިންމު މައްސަލައަކަށްވުމުން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ޢައްޔަނުކުރެވުނެވެ. މި މައްސަލައިގައި ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނީ އުޞޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް އެންމެ ފުރިހަމައަށް ވާނީ ދިފާޢުކޮށްފައެވެ." ސަރުކާރުން ބުނެފައިވެއެވެ.

މިގޮތުން، ރާއްޖޭގެ ދިފާޢު ބިނާކޮށްފައިވާނެކަމަށް ސަރުކާރުން ބުނެފައިވާ ކަންކަން

  • މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރު (Low Tide Elevation ނުވަތަ LTE) ގައި ފެންނަން އޮތް Blenheim Reef (ބްލެންހެމް ރީފް) އިން ފެށިގެން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ބައިނަލްއަޤްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ނުބަލައި އެ ސަރަޙައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބިގެންދާނެތީ، ސަރަޙައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިޢުތިރާޟްކުރުން؛
  • ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (CLCS) އަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކޮމިޝަންއެއް ކަމަށްވާތީއާއި މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަރޓުން ފަދަ ޚާއްޞަ ޚަބީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން CLCS އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން؛
  • އަދި، ބުނެވިދިޔަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ޙާލަތުގައިވެސް، އައުޓަރ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ natural prolongation އާގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޙައްޤުވެގެން ނުވާކަމަށް ބަޔާންކުރުން.

މައްސަލައިގެ ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާ ނިމުމުން، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ މި މައްސަލައިގެ އަޑުއެހުންތައް 17 އޮކްޓޫބަރު 2022 އިން ފެށިގެން 24 އޮކްޓޫބަރު 2022 އާ ހަމައަށް، ޓްރައިބިއުނަލްގައި ކުރިއަށް ދާކަމަށާއި އަދި 24 އޮކްޓޫބަރު 2022 ގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މި މައްސަލަ ބައްލަވާ ޓްރައިބިއުންލަގެ ސްޕެޝަލް ޗެމްބަރުގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުންކަން އޭޖީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މި މައްސަލައިގައި، މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް ޢާންމު އުޞޫލުން ނިންމުންތައް ނިންމާ ހަމަތަކަށް ބަލާއިރު،މުޢާހަދާގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ  ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ. ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން ދެޤައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަޙައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލުންނެވެ. އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޗާގޮސް ޑީކޮލޮނައިޒޭޝަން ރިޒޮލިއުޝަނާ ގުޅިގެން އދ. ގައި ރާއްޖެއިން ވޯޓުދިނުން

ސަރުކާރުގެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ޙަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވެއެވެ. އެ ނިންމުމާ ގުޅުވައިގެން އދ ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެކެވެ. އަދި އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުންއައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެކަމުގައި ސަރުކާރުން ބުނެފައިވެއެވެ.

"އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965 " އަށް ބަލާއިރު، އެ އޮޕީނިއަންގައި އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައިވާ ކުރުމަށް ނިމުމަކަށް ގެނެސް އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ޙަވާލުކުރަންޖެހޭކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި މި އައި.ސީ.ޖޭ. އޮޕީނިއަންއާ ގުޅިގެން، 06 މަސްދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލައި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަނެއްވެސް 22 މެއި 2019 ގައި ފާސްކޮށްފައިވެއެވެ. އެ ރިޒޮލިއުޝަން ނެރެފައިވަނީ 116 ޤައުމުގެ ތާއިދާއެކުގައިކަމާއި، އެ ރިޒޮލިއުޝަނާ އިދިކޮޅަށް ރާއްޖެއިން ވޯޓުލާފައިވަނީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 26 ޖުލައި 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީއެވެ" ކުރިން މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިން ސަބަބު ބަޔާންކޮށް ސަރުކާރުން ބުނެފައިވެއެވެ.

އެހެންނަމަވެސް، ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމަކަށްވެފައި، މިހާރު މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ދިވެހިރާއްޖެއިންވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓަރނީ ޖެނެރަލް ފާހަގަކުރައްވާފައިވާނެކަމަށާއި ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅިފައިވާ، ކަމެއްކަމަށާއި އަދި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) އަށް ބަލާއިރު، ޚާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ހިންގުމާއި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ޤާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއްކަމުގައި ސަރުކާރުން ބުނެފައިވެއެވެ.

އަދި ޓްރައިބިއުނަލްގައި މިހާރު ކުރިޔަށްދާ، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުޢާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ، މުޅިން ތަފާތު މައްސަލައެއްކަމަށްވާއިރު، އައި.ސީ.ޖޭ. ގެ ނިންމުން ތަންފީޛުކޮށް ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓު ލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް