އިމްތިހާނާމެދު ޝައްކު އުފެއްދުމަށް މަސައްކަތްކުރާކަމަށްބުނެ ހަތަރު މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް

މި އަހަރުގެ އެސްއެސްސީ އިމްތިހާނާއިމެދު ޝައްކުތަކެއް އުފެއްދުމަށް މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަ...

24 Oct 2017 | 07:59

މި އަހަރުގެ އެސްއެސްސީ އިމްތިހާނާއިމެދު ޝައްކުތަކެއް އުފެއްދުމަށް މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ހަތަރު މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ހަތަރު މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެޗްއެސްއީ އިމްތިހާނުގެ އިސްލާމް ޕޭޕަރު ތައްޔާރުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެ ކަންތައްތައް މީޑިއާ އާއި އާންމުންގެ ސަމާލުކަމަށް ގެނައި އިސްލާމް ދެ ޓީޗަރަކު ޕޭޕަރު މާކު ކުރުމުގައި ބައިވެރިނުވެވޭ ގޮތަށް އެކަހެރިކޮށްފައިވާކަމަށް އިއްޔެ މީޑިއާގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.

އެ ދެ ޓީޗަރުންގެ ތެރެއިން އެއް ޓީޗަރަކު، އޮންލައިން ނޫސް، އަވަސް އަށް އިންޓަވިއު ދެމުން ބުނެފައިވަނީ އިސްލާމް، ދިވެހި ޕޭޕަރު ހަދަން ތިން ފަހަރަށް އިއުލާނު ކުރުމުން ޓީޗަރުން ކުރިމަތިނުލުމުން ތިން ފަހަރެއްގެ މަތިން އޭނާއަށް ގުޅާފައި ޕޭޕަރު ހަދަން ބައިވެރިވާން އެދުނު ކަމަށާއި އަދި ޕޭޕަރު ހަދާނެ ޓީޗަރުން ނުލިބުމުން މި އަހަރުގެ އިސްލާމް ޕޭޕަރުތައް ހަދާފައިވަނީ ސީއެޗްއެސްއީ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި އިސްލާމް ކިޔަވައިދޭ ޓީޗަރުން ކަމަށް އޭނާ ތުހުމަތު ކޮށްފައި ވެ އެވެ.

އެ ޓީޗަރު އިތުރަށް ބުނެފައިވަނީ ޕޭޕަރު ތައްޔާރުކުރުމުގައި ބައިވެރިވި މުދައްރިސުން މާލޭގެ ސްކޫލްތަކަށް ގޮސް ކުދިންނަށް ވޯކްޝޮޕްތައް ހިންގުން އަދި ޓިއުޝަންވެސް ދީފައިވާ ކަމަށާއި އަދި ކުދިންނަށް ދިން ސުވާލުތައް އިމްތިހާނުގައި އައިސްފައި ހުރި ކަމަށެވެ. އަދި ސީއެޗްއެސްއީ ގެ ދަރިވަރުންނަށް އެޗްއެސްސީ އިމްތިހާނަށް ދަސްކުރަން ވަކި ފިލާވަޅުތަކެއް ފާހަގަކޮށްފައި ދެއްކި ކަމަށް ދަރިވަރުން ބުނި ކަމަށް ވެސް އެ ޓީޗަރު ތުހުމަތު ކޮށްފައި ވެ އެވެ.

މި މައްސަލައާއި ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރިން ބުނެފައިވަނީ ޕޭޕަރު ލީކުވުން ކަހަލަ އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށާއި އިމްތިހާނުގެ ސުވާލު ކަރުދާސް ތައްޔާރުކޮށް ޖަވާބު ކަރުދާސް ބެލުމުގެ ކަންކަން ބަލަހައްޓަނީ އިމްތިހާނުގެ ކަންކަން ބަލަހައްޓަން ކަނޑައަޅާފައިވާ ހާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް