އަހަރުގެ އެންމެ އީޖާދީ ކުންފުނި (2،500 މުވައްޒަފުންނާއި ހަމައަށް) އަދި އަހަރުގެ އެންމެ މޮޅު އާ ޚިދުމަތް (ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއަރ) ގެ ގިންތިން އެމް-ފައިސާއަށް ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑުގެ 2 ބްރޯންޒް އެވޯޑް، އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.
"އީޖާދީ ކުންފުންޏެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ބަލައިގަތުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. އަޅުގަނޑުމެންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އައު ފުރުޞަތުތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް. ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރެވުނު މޯބައިލް ފައިނޭންޝަލް ޚިދުމަތެއް ކަމަށްވާ އެމް-ފައިސާއަކީ އެފަދަ އީޖާދީ ޚިދުމަތެއް. މި ޚިދުމަތް ކުރިއަރަމުންދާ ދުވެއްޔާއި މެދު އަޅުގަނޑުމެން ނުހަނު އުފާކުރަން، އަދި މިޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. ދިވެހިރާއްޖެއަށް އާ ޚިދުމަތެއް ތަޢާރަފްކުރި ކަމުގައިވިޔަސް، ނުވަތަ އަޅުގަނޑުމެންގެ 4G+ ނެޓްވޯކް އެންމެ 17 ދުވަސްތެރޭ ފުރިހަމަކުރުން ކަމުގައިވިޔަސް، އިޖުތިމާޢީ ކުރިއެރުމަށް ލިބޭ ކޮންމެ ފުރުޞަތަކާއިއެކު އަޅުގަނޑުމެންގެ މުވައްޒަފުން އިތުރު ހިތްވަރަކާއި އެކު މަސައްކަތްކުރުމުގައި ތިބެނީ ތައްޔާރަށް." އޭނާ އިތުރަށް ވިދާޅުވިއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމަޢެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސް ވަނީ ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ހަލުވި ކުރިއެރުންތަކެއް ހޯދާފައެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވިފައިވާ މިފަދަ މަސައްކަތްތަކުގެ ތެރޭގައި އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލްގެ ޚިދުމަތް، މުޅިރާއްޖެއަށް 4G+ ނެޓްވާކް ފުޅާކުރުން، މުޅި ދުނިޔެއަށް މަޤުބޫލު ޚިދުމަތްތައް ކަމަށްވާ އެމް-ފައިސާ، ސްމާރޓް ކެމްޕަސް، އުރީދޫ ބިޒްނަސް، އަދި ދާދި ފަހުން ތަޢާރަފްކުރެވުނު ފަސޭހަ ބްރޯޑްބޭންޑް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ހިމެނެއެވެ.
އުރީދޫއިން ހާމަކުރާގޮތުގައި ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްއާއެކު 2015އިން ފެށިގެން އުރީދޫ މޯލްޑިވްސް ދަނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ފުރިހަމަ އައިސީޓީ ކުންފުންޏަކަށް ބަދަލުވަމުންނެވެ. ކުންފުނީގެ ޑިޖިޓަލް ސްޓްރެޓެޖީ އަމާޒުކޮށްފައިވަނީ ޓެކްނޮލޮޖީ މެދުވެރިކޮށް ޢާއްމު އިޖުތިމާއީ ކުރިއެރުމަށާއި، ތަޢުލީމު، ޞިއްޙަތު، ވިޔަފާރި އަދި ފައިސާގެ މުޢާމަލާތްތައް ކުރިއެރުވުމަށެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ޢާއްމު އިޖުތިމާޢީ ޙާލަތަށް އެކަށޭނަ ބަދަލެއް އައިސްފައިވާއިރު އުރީދޫގެ އަމާޒަކީ ޓެކްނޮލޮޖީގެ ފުރިހަމަ މަންފާ މުޖުތަމަޢަށް ފޯރުކޮށްދިނުމެވެ.
ސްޓީވީ އެވޯޑްގެ ޙައްގުވެރިން ހޮވުމަށް 21 ފަނޑިޔާރުންނާއިއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން 200 އެގްޒެކެޓިވުން ބައިވެރިވިއިރު 60 އަށްވުރެ ގިނަ ގައުމުތަކުގެ ތަފާތު އިންޑަސްޓްރީތަކުން 3،900 އަށްވުރެ ގިނަ ކުންފުނި ނޮމިނޭޓްކޮށްފައިވެއެވެ.
14ވަނަ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް ދިނުމުގެ ޙަފްލާ ބޭއްވިފައިވަނީ 21 އޮކްޓޫބަރު 2017ވީ ހޮނިހިރު ދުވަހުގެރޭ 7 ޖެހިއިރު (ޖީއެމްޓީ +2) ސްޕެއިންގެ ބާސެލޯނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް