ފީފާގެ "ދަ ބެސްޓް" އާއެކު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯ ދިފާއު ކޮށްފި!

ފީފާއިން ރޭ ލަންޑަން ގައި ބޭއްވި "ދަ ބެސްޓް އެވޯޑްސް" ރަސްމިއްޔާތުގައި، ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމް އަނެއްކާވެސް ރޮނާލްޑޯއަށް ލިބިއްޖެއެވެ. ފީފާއިން ކުރިން ފުރާންސް ފު...

24 Oct 2017 | 05:34

ފީފާއިން ރޭ ލަންޑަން ގައި ބޭއްވި "ދަ ބެސްޓް އެވޯޑްސް" ރަސްމިއްޔާތުގައި، ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމް އަނެއްކާވެސް ރޮނާލްޑޯއަށް ލިބިއްޖެއެވެ.

ފީފާއިން ކުރިން ފުރާންސް ފުޓްބޯލް މެގަޒިން އާ ގުޅިގެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެމުން އައި ބެލޮންޑޯ އެވޯޑާ ވަކިވެ، ފީފާއިން ފާއިތުވި އަހަރު އަލަށް ތަޢާރަފު ކުރި "ދަ ބެސްޓް" އެވޯޑުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މިދިޔަ އަހަރުންވެސް ހޯދީ ޕޯޗުގަލް އަދި ރިއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެހެންކަމުން މިއީ 2008، 2013 އަދި 2014 ގައި ހޯދި ބެލޮންޑޯ އާއެކު ރޮނާލްޑޯ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ފަސްވަނަ ފަހަރެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް ރޮނާލްޑޯ މި އެވޯޑް ހޯދާފައިވާއިރު، މި އަހަރުގެ އެވޯޑް ހާސިލް ކުރީ ވާދަވެރި ބާސެލޯނާގެ ލިއޮނަލް މެސީ އާއި ދާދިފަހުން ބާސާއިން ޕީއެސްޖީއަށް ދުނިޔޭގެ ރެކޯޑް ޓްރާސްފާ އެއްގައި ބަދަލުވި ނޭމާއާ ވާދަކޮށެވެ.

ރޮނާލްޑޯއަށް މި އެވޯޑް ލިބުމުގެ އެންމެ ބޮޑު ސަބަބެއްގައި ކަމުގައިވީ ފާއިތުވި ސީޒަންގައި އޭނާ ރިއަލް މެޑްރިޑާއެކު ހޯދި ބޮޑު ކާމިޔާބީތަކެވެ. ފާއިތުވި ސީޒަންގައި އޭނާ ވަނީ ރިއަލް މެޑްރިޑް އާއެކު ޗެމްޕިއަންސް ލީގު ޖެހިޖެހިގެން 2 ސީޒަންގައި ހޯދި ފުރަތަމަ ކްލަބްގެ ޝަރަފު ހޯދުމާއެކު، ސްޕެނިސް ލީގު ރިއަލް މެޑްރިޑަށް ކާމިޔާބު ކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ރޮނާލްޑޯ ވަނީ ޔުވެންޓަސް ކޮޅަށް ދެ ގޯލު ޖަހާފައެވެ.

އެވޯޑް ލިބިގަތުމަށްފަހު ރޮނާލްޑޯ ވަނީ ރޭގެ ރަސްމިއްޔާތުގައި އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ހޯދި ރިއަލް މެޑްރިޑްގެ ކޯޗު ޒިދާން އަށާއި ކްލަބްގެ ރައީސްއަށާއި، ސަޕޯޓަރުންނަށް އަދި ވޯޓު ދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯއަށް ރޭ އެވޯޑް ލިބުނީ ވޯޓު ދިން މީހުންގެ 43.16 އިންސައްތަ ވޯޓު ލިބިގެންނެވެ. އޭނައާ އެންމެ ކައިރިން ވާދަކުރި މެސީއަށް ލިބުނީ 19.25 އިންސައްތަ ވޯޓެވެ. ނޭމާއަށް ލިބުނީ 6.97 އިންސައްތަ ވޯޓެވެ. މި އެވޯޑަށް ވޯޓު ދެވެނީ ފީފާގެ މެމްބަރު ގައުމުތަކުގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގައި މިވަގުތު ތިބި ކޯޗުންނަށާއި، އެއިން ކޮންމެ ޓީމެއްގެ ކެޕްޓަނުން އަދި ހޮވާލެވޭ ނޫސްވެރިންތަކަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް