އިދިކޮޅު ހަތަރު ލީޑަރުން އެދިވަޑައިގެންފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުއާދު ތައުފީގު މިހެން ވިދާޅުވީ ސްރީލަންކާގައި ހުންނަވައި، ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެ އިންޓަވިއުގައި ފުއާދު ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން އެމަނިކުފާނުގެ އަރިހުގައި ދަންނަވައިފިނަމަ، ގާބިލުކަން ހުރި މިންވަރަކުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ. އަދި އެބޭފުޅުންގެ ރުހުމެއް ނެތި، ރިޔާސީ އިންތިހާބަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމުގައިވެސް ފުއާދު ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ ގައުމުގެ ހާލަތު މިއަދު އޮތްގޮތުން އިދިކޮޅު އެއް ކެނޑިޑޭޓަކު ނެރުމަކީ ކާމިޔާބު ކުރެވިދާނެ ގޮތެއް ކަމުގައި ބެލެވޭ ކަމަށެވެ.
ފުއާދު މިހެން ވިދާޅުވެފައިވާއިރު އެއް ކެނޑިޑޭޓަކު ނެރޭ ވާހަކަ އިދިކޮޅު ފަރާތްތަކުން ވަނީ ދައްކާފަ އެވެ. އަދި އެ ކެނޑިޑޭޓަކީ ފުއާދު ތައުފީގު ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް